








އަންނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 11،400 ޓަނުގެ މަސް ރައްކާކުރާ ނިޒާމު ޤާއިމްކުރުމުގެ މަޝްރުޢޫތައް ކުރިއަށްދާނެ ކަމަށްފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން އެކި ދާއިރާތަކުން ދައުލަތުގެ ބަޖެޓު ހިމަނާފައިވާ ކަންކަމަށް އަލިއަޅުވާލައްވާ ދެއްކެވި ވާހަކައިގާއެވެ.
މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވީ، އިޤްތިޞާދީ މިނިވަންކަމާއި ރައްޔިތުންގެ ފުދުންތެރިކަން ކަށަވަރު ކުރުމުގައި މަސްވެރިކަމާއި، ދަނޑުވެރިކަމަކީ އެންމެ މުހިންމު ދެ ސިނާއަތް ކަމަށެވެ. މި ދެސިނާޢަތުގައިވެސް މަސައްކަތްތަކެއް ކުރުމަށް މިއަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި މި މަސައްކަތްތަކުގެ ދަށުން އަންނަ އަހަރު މަސްފިނިކޮށް ރައްކާ ކުރާ ނިޒާމުތައް ތަރައްޤީކުރުމަށް އިސްކަންދީފައިވާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ހުޅުމާލޭގައި އަލަށް ޤާއިމުކުރާ ބޮޑުކަންނެލި ޕެކިންގ ފެސިލިޓީގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ސީދާ ބޭރު ފައިސާއިން އާމްދަނީ ހޯދުމުގެ ފުރުޞަތު ތަނަވަސް ވެގެންދާނެ ކަމަށާއި ދަނޑުވެރިކަމުގެ ސިނާޢަތަށްވެސް ސަރުކާރުން އިސްކަންދީގެ މަސައްކަތް ކުރާނެކަން ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ މީގެ ބޭނުމަކީ ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކޮށް، އިމްޕޯޓަށް ބަރޯސާވުން ކުޑަކުރުން ކަމަށާއި މިމަސައްކަތުގެ ދަށުން ރާއްޖޭގައި ފަސޭހައިން ހެއްދޭ ބާވަތްތައް، ބޭރުން އެތެރެކުރުން މަދުކޮށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ދިވެހި ދަނޑުވެރިންނަށް އުފެއްދުންތަކަށް ހައްޤުވާ ހަމަ އަގު ފުރިހަމައަށް ކަށަވަރު ކޮށްދެވޭނެ ގޮތަށް ސިޔާސަތު ބައްޓަން ކޮށްފައިވާ ކަމަށެވެ.




