







ރަފީނިއާ އަދި ޔަމާލް ސެވިއްޔާ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
ސްޕެނިޝް ލަލީގާގައި މިރޭ ރަށުން ބޭރުގައި ސެވިއްޔާ އާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އިން ތާވަލުގެ ކުރީގައި ހަ ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.
ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ރޭސިންގް ސަންޓެންޑާ އަތުން 7-2 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ސެވިއްޔާ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ޑިޕޯޓިއޯ ލަކަރޫނިއާ ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސެވިއްޔާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޔޫސުފޫ ފޮފާނާ އެވެ.
ނަމަވެސް އޭގެ ތިން މިނެޓު ފަހުން ބާސެލޯނާގެ ކެޕްޓަން ރަފީނިއާ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާ އިން އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި ރަފީނިއާ ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މެޗުގެ 52 ވަނަ މިނެޓުގައި ރަފީނިއާ ބާސެލޯނާއަށް ނަތީޖާ އެއްވަރުކޮށްދިންއިރު، މިމެޗުގައި ރަފީނިއާ ހެޓްރިކް ފުރިހަމަކުރީ 69 ވަނަ މިނެޓުގައެވެ. އަދި މިދެލަނޑު ޖެހުމަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ބާސާގެ ޒުވާން ފޯވާޑް ލަމީން ޔަމާލް އެވެ.
މީގެ އިތުރުން މިއީ ބާސެލޯނާ އެންމެ ފަހުން ކުޅުނު އަށް މެޗުގައި ރަފީނިއާ ކާމިޔާބުކުރި 14 ވަނަ ލަނޑެވެ. އަދި މިވަގުތު ލަލީގާ ލަނޑު ޗާޓުގެ ކުރީގައި، ހަތް މެޗުން ކާމިޔާބުކުރި 12 ލަނޑާއެކު މިވަގުތު އޮތީ ވެސް ރަފީނިއާ އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަތް މެޗުން ވެސް މޮޅުވެ 21 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި ބާސެލޯނާ މިވަގުތު އޮތްއިރު، މި ހަތް މެޗުގައި ބާސެލޯނާ އިން ވަނީ 31 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުން ބަލިވި ސެވިއްޔާ އިން ލީގުގައި ކުޅުނު ހަތް މެޗުން ހޯދި 13 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.




