



.jpg?w=3840&q=75)


ބީއެމްއެލް
ޑޮލަރު ޓްރާންސްފަރތަކަށް ހޭދަވާ ވަގުތު އަންނަ ހަފުތާގެ ނިޔަލަށް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ބޭންކު އޮފް މޯލްޑިވްސް - ބީއެމްއެލްއިން ބުނެފިއެވެ.
ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ރުފިޔާ އެކައުންޓްތަކުން ކުރާ ބޭރުގެ މުއާމަލާތްތައް މިއަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން، އޮގަސްޓް މަހުގެ ނިޔަލަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 81.6 މިލިއަން ޑޮލަރު ބޭންކުން ވިއްކާފައިވާއިރު، 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 653 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ.
މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް %33.33 ނުވަތަ ތިންބައިކުޅަ އެއްބައިގެ އިތުރުވުމެކެވެ. މި ނިސްބަތުން ބޭންކުން ޑޮލަރު ވިއްކުން ކުރިއަށްގެންދާނަމަ، މިއަހަރު ނިމެންވާއިރަށް ވިއްކާ ޑޮލަރުގެ އަދަދު ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެއެވެ.
ބޭންކަށް މާރުކުރެވޭ ޑޮލަރާ އަޅާބަލާއިރު، މި މިންވަރަށް ރުފިޔާ އަށް ޑޮލަރު ވިއްކިގެން ބޭރުވުމަކީ ދެމެހެއްޓެނިވި ކަމެއް ނޫނެވެ. އަދި ސެޕްޓެންބަރު މަހަކީ އާންމުކޮށްވެސް ޑޮލަރުގެ ތާށިކަން އެންމެ ބޮޑަށް ކުރިމަތިވާ އެއް މަސްކަމަށްވުމުން، މިކަމުގެ ސަބަބުން ބޭންކަށް އޮތް ގޮންޖެހުންތައް ވަނީ އިތުރުވެފައެވެ.
ބޭންކުން ބޭރުވާ ޑޮލަރުގެ ނިސްބަތް އިތުރުވެފައިވާތީ، ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) އާއި ބޭންކުތަކުގެ މެދުގައި ކުރެވޭ ޓްރާންސްފަރތައް ހިމެނޭހެން ޑޮލަރުގެ މުއާމަލާތްތައް ފުރިހަމަކުރުމުގައި ލަސްތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި ބޭންކަށް ޑޮަލރު ލިބޭ މިންވަރާއި ޑޮލަރު ހޭދަވާ މިންވަރު ޒިންމާދާރުކަމާއި ދެމެހެއްޓެނެވި ގޮތެއްގައި މެނޭޖުކުރުމަށްޓަކައި، ބޭންކުން ދާދި ފަހުން ވަނީ އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ޒަރޫރީ އަދި ކޮންމެހެން ބޭނުންތެރި މުއާމަލާތްތަކަށް އިސްކަންދޭން ފަށާފައެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން ބޭންކުން ބޭރުވާ ޑޮލަރުގެ މިންވަރު، ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާ އެއްހަމައެއްގައި ހިފެހެއްޓުމަށް މިހާރު ވަނީ އެހީތެރިވެދީފައެވެ.
މިއާއެކު ކުރިއަށް އޮތް ހަފުތާ ނިމެންވާއިރަށް ޑޮލަރުގެ މުއާމަލާތްތައް އާންމު ހާލަތަކަށް ރުޖޫޢަވާނެ ކަމަށް ލަފާކުރެވެއެވެ. އަދި މިކަމާ ގުޅޭ މައުލޫމާތު ބޭންކުގެ ރަސްމީ މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާނެއެވެ. ބޭންކުން އެންމެ ބޮޑު އިސްކަމެއް ދެނީ ދެމެހެއްޓެނެވި ގޮތެއްގައި މުއާމަލާތްތައްކުރެވޭނެ މަގުފަހިކޮށްދިނުމަށާއި، ކޮންމެހެން ބޭނުންތެރި ފައިސާގެ މުއާމަލާތްތަކަށް އިސްކަންދިނުމަށެވެ.
ވަކިވަކި ފަރުދުންނާއި، ވިޔަފާރިތަކާއި އަދި ގައުމަށް އިތުބާރުހުރި މާލީ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް ބީއެމްއެލްއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް އެ ބޭންކުން ބުނެއެވެ. އެ ބޭންކުން ބުނާ ގޮތުގައި، ބޭންކަކީ މާލީގޮތުން ހަރުދަނާ ބޭންކެކެވެ. މިހާރު ދިމާވެފައިވާ ހާލަތަކީ ޑޮލަރުގެ ޑިމާންޑާއި ސަޕްލައިއާ ދެމެދު އުފެދިފައިވާ ވަގުތީ ނުތަނަވަސްކަމެކެވެ.
މިއީ ބޭންކުގެ އޮޕަރޭޝަންތަކުގެ ނުވަތަ ބެލެންސް ޝީޓުގެ ބަލިކަށިކަމެއް ނޫނެވެ. ބޭންކުން ދަނީ ޑޮލަރުގެ ހާލަތު ވަރަށް ގާތުން ބަލައި، ކަސްޓަމަރުންނާއި ހިއްސާދާރުން އަދި މުޅި އިގްތިސާދުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އަޅަމުންނެވެ.







