







އާސެނަލް ކޮޅަށް ލަނޑުޖެހުމަށްފަހު ބްރައިޓަންގެ ކުޅުންތެރިން އުފާފާޅުކުރަނީ..
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބްރައިޓަން އިން ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި ސަންޑަލޭންޑް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ބްރައިޓަން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކޮވެންޓްރީ ބަލިކޮށްފައެވެ.
ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ބްރައިޓަންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޕަސްކަލް ގްރޮސް އެވެ. އަދި މިއީ މިވަގުތު އާދަޔާ ޚިލާފް ރަނގަޅު ފޯމެއްގައި ހުރި ގްރޮސް އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.
ބްރައިޓަން އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ޒުވާން ފޯވާޑް ޗަރަލަމްޕޯސް ކޮސްޓަލުސް ކާމިޔާބުކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފިލްޑަރު ޗިމާ އެންޑަރސް އެވެ.
މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ލަނޑުޖަހާނެ ރަނގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާއިރު، މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-0 ގެ ނަތީޖާއަކުން ބްރައިޓަން ކުރީގައި އޮވެގެންނެވެ.
މީގެ އިތުރުން މިއީ 2023 ވަނަ އަހަރު އާސެނަލްގެ ދަނޑުގައި 3-0 ގެ ނަތީޖާއަކުން މޮޅުވި ފަހުން އެޓީމު އަތުން ބްރައިޓަން މޮޅުވި ފުރަތަމަ މެޗެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ފަސް މެޗުން ބްރައިޓަންއަށް 10 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި އާސެނަލް އިން ލީގުގައި ކުޅުނު ފަސް މެޗުން ހޯދި 12 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ.




