





.jpeg?w=3840&q=75)


ނިއުރޭޑިއަންޓްގެ ބްރެޒިލް ފޯވާޑް ޑޮރިއަލްޓަން ގޮމޭސް
ދިރާގު ދިވެހި ޕްރެމިއާ ލީގުގައި މިރޭ ކުޅުނު މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކުރި ލަނޑާއެކު ނިއުރޭޑިއަންޓުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ 3-2 ގެ ނަތީޖާއަކުން ބަލިކޮށްފިއެވެ.
ލީގުގައި ނިއުރޭޑިއަންޓް ކުޅުނު ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ގައްދޫ އަތުން މޮޅުވެފައިވާއިރު، މާޒިޔާގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން އޮޑި ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ މާޒިޔާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް އައިސަމް އެވެ.
ނިއުރޭޑިއަންޓުން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދު އެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ޑޮރިއަލްޓަން ގޮމޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި މާޒިޔާގެ ޕެނަލްޓީ އެރިއާތެރޭގައި މުޅިން ހުސްކޮށް ހުރެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އެނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ވެސް ފުރަތަމަ ފެނިގެންދިޔައީ މާޒިޔާގެ ލަނޑެކެވެ. މިލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމަށް އަލުން ލީޑު ހޯދައިދީ، މިމެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އައިސަމް އެވެ. މިއީ އެޓީމުގެ އަބްދުﷲ ލޫތް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ނިއުގެ އަލީ ފާސިރު (ސެންޓޭ) ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ ނިއުގެ ބްރެޒިލް ފޯވާޑް ޑޮރިއަލްޓަން ފޮނުވާލި ހަމަލާއެއް މާޒިޔާގެ ކީޕަރު ހުސެއިން ދިފާއުކުރި ނަމަވެސް ރީބައުންސަށް ލިބުނު ފުރުސަތުގައި މުޅިން ހުސްކޮށްހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ފާސިރު ކާމިޔާބުކޮށްދިން ލަނޑެކެވެ.
ނިއުރޭޑިއަންޓުން ނަތީޖާ އެއްވަރުކުރިތާ 10 މިނެޓު ފަހުން ދެޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެން މާޒިޔާގެ އެސިސްޓެން ކޯޗު އަހުމަދު ސުޒެއިރު އަދި އެޓީމުގެ ހަސަން ޝިފާޒުގެ އިތުރުން ނިއުގެ އިބްރާހިމް މައިސާންއަށް ރެފްރީ ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
މިއާއެކު މެޗުގެ ބާކީބައި ދެ ޓީމުން ވެސް 10 ކުޅުންތެރިންނާއެކު ފުރިހަމަކުރިއިރު، މިމެޗުން ނިއުރޭޑްއަންޓް މޮޅުވި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 10 މިނެޓު ވެސް ހަމަވިފަހުން އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލް ފޯވާޑް ޑޮރިއަލްޓަން އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ނިއުރޭޑިއަންޓުން ހަ ޕޮއިންޓް ހޯދާފައިވާއިރު، މިމެޗުން ބަލިވި މާޒިޔާއަށް ދެމެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.




