


.jpg?w=3840&q=75)


ބިދޭސީން ބަލައިފާސްކުރުމުގެ ތެރެއިން -ފޮޓޯ: އިމިގްރޭޝަން
ދިވެހިރާއްޖޭގެ މިނިވަންކަމާއި އިޖުތިމާޢީ ހަމަޖެހުމާ ގުޅިފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޤަވާޢިދާ ޚިލާފަށް އުޅޭ ބޭރު މީހުންގެ މައްސަލަކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ޒަމާންތަކެއް ވަންދެން ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ މި މައްސަލައިގައި، މީގެ ކުރިން ކަންކަން ހިނގަމުން އައީ ޤައުމަށް ލިބިދާނެ ގެއްލުމަކަށް ވިސްނުމެއް ނެތި، ހަމައެކަނި ވިޔަފާރީގެ މަންފާއަށް ބުރަވެގެންނެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ބޮޑު ބައެއް ބޭރު މީހުން ހިސޯރުކޮށް، ދައުލަތުގެ ބެލުމުގެ ދަށުގައި އެކަށީގެންވާ ސައްޙަ މަޢުލޫމާތެއް ނެތި އެތައް ލައްކަ ބަޔަކު ދިރިއުޅެމުން ދިޔައެވެ.
މި ހިތާމަވެރި ހާލަތު އެނބުރިގެން ދިޔައީ މިހާރުގެ ވެރިކަމުން މިކަމަށް ޚާއްޞަ އިސްކަމެއް ދީގެން ފެށި ހަރުދަނާ އޮޕަރޭޝަންތަކުގެ ސަބަބުންނެވެ. ވެރިކަމާ ހަވާލުވީއިރު ގާތްގަނޑަކަށް ތިން ލައްކައެއްހާ ބިދޭސީންގެ ވިސާ ރެކޯޑު އޮތް ނަމަވެސް، އަސްލު އެމީހުންގެ ވަނަވަރާއި ޖިސްމާނީ ހެކި އެނގެނީ އޭގެ ވަރަށް ކުޑަ އިންސައްތައެއްގެ އެކަންޏެވެ. މި ނުރައްކާތެރި ހުސްކަން ފޫބެއްދުމަށްޓަކައި ދާޚިލީ އިދާރާތަކުން ހިންގި ބުރަ މަސައްކަތުން، މިއަދު ވަނީ ރާއްޖޭގައި ތިބި ގާތްގަނޑަކަށް ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ތަފްސީލުތައް އެއްކޮށް، ސިސްޓަމަށް ވައްދާފައެވެ.
މި ބޮޑު ބަދަލާއެކު، ދިވެހިރާއްޖެ މިއަދު ހިމެނިފައިވަނީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ފުރިހަމައަށް ބޭރު މީހުންގެ މަޢުލޫމާތު ބަލަހައްޓާ އެންމެ ކުރީ ސަފުގެ ޤައުމުތަކުގެ ތެރޭގައެވެ. ދުނިޔޭގެ އެންމެ ތަރައްޤީވެފައިވާ ދައުލަތްތަކާ އެއް ހަމައެއްގައި މިފަދަ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވުމަކީ ދިވެހި ދައުލަތުގެ ސަލާމަތާއި ރައްޔިތުންގެ އަމާންކަން ކަށަވަރުކުރުމަށް އެޅުނު ވަރުގަދަ ބިންގަލެކެވެ. މިއީ ޤައުމުގެ އިސްތިޤުލާލު ހިމާޔަތްކުރުމުގައި ހޯދުނު ނަމޫނާ ކާމިޔާބީއެކެވެ.
އޮޕަރޭޝަން ކުރަނގި:މި ބޮޑު ކާމިޔާބީ ހާސިލުކުރުމަށްޓަކައި ދާޚިލީ ވުޒާރާއާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނަކީ "އޮޕަރޭޝަން ކުރަނގި" އެވެ. މި އޮޕަރޭޝަންގެ ދަށުން ރަށްރަށުގެ ކައުންސިލްތަކާއި ރިސޯޓުތަކާ ގުޅިގެން ބިދޭސީންގެ ފިންގަރޕްރިންޓާއި ފޮޓޯ ނެގުމުގެ މަސައްކަތް ވަނީ ހަލުވިކަމާއެކު ކޮށްފައެވެ.
އިޤްތިޞާދީ އަދި މާލީ ފައިދާ:ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މަޢުލޫމާތު ދެނެގަނެވި، އެމީހުން ޤަވާޢިދުގެ ތެރެއަށް ވެއްދުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ޓެކުހާއި، ވިސާ ފީ އަދި ކޯޓާ ފީތައް ޤަވާޢިދުން ލިބެން ފަށާނެއެވެ. މީގެ އިތުރުން ވަގު ވިޔަފާރިތަކާއި ހުއްދަނެތި ފައިސާ ބޭރުކުރުން (މަނީ ލޯންޑްރިންގ) ހުއްޓުވުމަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ.
ކުށް މަދުކުރުމާއި ދާޚިލީ އަމަން:ބިދޭސީންގެ ފުރިހަމަ ބަޔޯމެޓްރިކް ޑޭޓާބޭސްއެއް އޮތުމަކީ، އެކި ބާވަތުގެ ކުށްތައް ކުރާ ފަރާތްތައް ފަސޭހައިން ދެނެގަނެ، ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެކެވެ. މިއީ މުޖުތަމަޢުގެ އަމާންކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ބިދޭސީންގެ އިންސާނީ ޙައްޤުތައް ކަށަވަރުވުން:މި ނިޒާމުގެ ތެރެއިން ޤަވާޢިދާ އެއްގޮތަށް މަސައްކަތްކުރާ ބިދޭސީންނަށް އެމީހުންގެ ޙައްޤުތައް (މުސާރަ ލިބުމާއި، ޞިއްޙީ ޚިދުމަތް އަދި ރައްކާތެރި މާޙައުލެއް) ލިބިދިނުމަށް މަގުފަހިވެ، އެމީހުންނާ މެދު ވެވޭ ނާއިންސާފު މުޢާމަލާތްތަކާއި އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވުމުން ސަލާމަތްކޮށްދެއެވެ.


