






.jpg?w=3840&q=75)

ނައިން ސްޕޯޓްސް ކުލަބާއި މަނާ އައްޑާ ވާދަކުރި މެޗުގެތެރެއިން..
ހދ. ނޮޅިވަރަމްގައި މިހާރު ކުރިއަށްދާ ކުލަބު ހުވާސް ފުޓްސަލް ޗެލެންޖް ކަޕް 2026 ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަރައި 6-2 ގެ ތަފާތުބޮޑު ނަތީޖާއަކުން މަނާ އައްޑާ ބަލިކޮށް ނައިން ސްޕޯޓްސް ކުލަބުން ސެމީގެ ފުރުސަތު ބޮޑުކޮށްފިއެވެ.
މުބާރާތުގައި ނައިން ސްޕޯޓްސް ކުލަބު ކުޅުނު ފުރަތަމަ މެޗުގައި ކުލަބު ކުލާސްޓާ އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، މަނާ އައްޑާގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ 4-3 ގެ ނަތީޖާއަކުން ކަންމަތި ޖޫނިއަރސް ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައި 2-1 ގެ ނަތީޖާ މަނާ އައްޑާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ނައިން ސްޕޯޓްސް ކުލަބުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ނައިން ސްޕޯޓްސް ކުލަބުގެ އަލީ ފައިޒާން ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ ސޯއިމް އަހުމަދު އަދި ރީހާން ފާއިޒް މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑަކީ މަނާ އައްޑާގެ އަލީ ހުޝާމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މީގެ އިތުރުން މިމެޗުގައި މަނާ އައްޑާގެ އަލީ އާދަމް، އަލީ ހުޝާމް އަދި މިއިން ކޮންމެ ކުޅުންތެރިއަކު މިމެޗުގައި އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިން ސްޕޯޓްސް ކުލަބުގެ އަލީ ފައިޒާން އެވެ
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕް އޭގެ ދެވަނައިގައި ނައިން ސްޕޯޓްސް ކުލަބު މިވަގުތު އޮތްއިރު، މިމެޗުން ބަލިވި މަނާ އައްޑާއިން ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި ތިންޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގުރޫޕް އޭގެ ތިންވަނައިގައެވެ.
11 ސެޕްޓެމްބަރު 2026 އިން 18 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ނޮޅިވަރަމްގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ސެމީފައިނަލަށް ހޮވޭއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 އަދި ރަނަރަޕް ޓީމަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ




