




.jpeg?w=3840&q=75)



އޮޑީގެ ކުޅުންތެރިން ބުރު ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ.. ފޮޓޯ: އަދަދު ސްޕޯޓްސް
ދިރާގު ދިވެހި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް އޮޑި ސްޕޯޓްސް ކުލަބުން މިސީޒަނުގެ ޕްރެމިއާ ލީގުގައި، ފުރަތަމަ މޮޅު ހޯދައިފިއެވެ.
ލީގުގައި ބުރު ސްޕޯޓްސް ކުލަބު ކުޅުނު ފުރަތަމަ މެޗުގައި ދިއްދޫ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ލީގުގައި އޮޑި ސްޕޯޓްސް ކުލަބު ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އަތުން އެޓީމު ބަލިވީ ވެސް 1-0 ގެ ނަތީޖާއަކުންނެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އޮޑިންނެވެ. މިލަނޑު ފުރަތަމަ ހާފުގެއަށްވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުޒްދާން ހަސަން އެވެ.
މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި އަހުޒަމް ރަޝީދު ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ބުރުން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވާޑް، ޖުއާން އެޑުއާޑޯ ލެސްކާނޯ އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި އަރީން އަބްދުﷲ އިބްރާހިމް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެޑުއާޑޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އޮޑިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މެޗުގެ 75 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މުހައްމަދު ސަހާއު އެވެ.
އޮޑިން ލީޑު ފުޅާކުރި ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި އަހުޒަމް ރަޝީދު ކާމިޔާބުކުރިއިރު، މެޗުގެ އިތުރުވަގުުުތުގެ ތެރޭގައި އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމްް ވަހީދު ހަސަން އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ދެމެޗުން އޮޑި ސްޕޯޓްސް ކުލަބަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ބުރު ސްޕޯޓްސް ކުލަބަށް ލީގުގައި ކުޅުނު ދެމެޗުން އަދި ޕޮއިންޓެއް ނުލިބެއެވެ.




