






.jpg?w=3840&q=75)

އާލު ސްޕޯޓްސް ކުލަބާއި ފާއޮޅޭ ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން...
ހދ. ނޮޅިވަރަމްގައި މިހާރު ކުރިއަށްދާ ކުލަބު ހުވާސް ފުޓްސަލް ޗެލެންޖް ކަޕް 2026 ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި އާލު އެސްސީ އާއި 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ފާއޮޅޭ އެސްސީއަށް ސެމީފައިނަލުގެ އަމިއްލަ ބާރު ގެއްލިއްޖެއެވެ.
މުބާރާތުގައި އާލު އެސްސީ ކުޅުނު ފުރަތަމަ މެޗުގައި ބިލެއް ޓައިޓަންސް އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ފާއޮޅޭ ގެ ފުރަތަމަ މެޗުގައި ކަންމަތި ސްޕޯޓްސް ކުލަބު އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އާލު އެސްސީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު އަލީ އެވެ. އަދި ފާއޮޅޭ އެސްސީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 17 ވަނަ މިނެޓުގައި އެޓީމުގެ ރައުހާން ރިފްއަތު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ފާއޮޅޭއަށް ނަތީޖާ އެއްވަރުކޮށްދިން ރައުހާން އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން އާލު އެސްސީއަށް ދެ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ގުރޫޕް ބީގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ފާއޮޅޭ އެސްސީ ކުޅުނު ދެމެޗުން ލިބުނު އެއްޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.
11 ސެޕްޓެމްބަރު 2026 އިން 18 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ނޮޅިވަރަމްގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ސެމީފައިނަލަށް ހޮވޭއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 އަދި ރަނަރަޕް ޓީމަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ




