




.jpeg?w=3840&q=75)



ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށް ޢަމަލުކުރަން ފެށި ޕޭ ފްރޭމްވޯކުގެ ސަބަބުން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުވާނެކަމަށް ވަޢުދުވެވަޑައިގެންނެވިކަމަށާއި އެއްވެސް މުވައްޒަފަކު ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެކަމަށް ޕޭކޮމިޝަނަށް އަންގަވާފައިވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ އަޑު ސިލްސިލާ ޕްރޮގްރާމްގެ 6 ވަނަ އެޕިސޯޑްގައި ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ހިއްސާކުރެއްވި މައުލޫމާތަށް ރިޔާއަތްކުރައްވައެވެ.
އޭނާ ވަނީ މުސާރައިގެ އައު އޮނިގަނޑަށް އަމަލުކުރަން ފެށިނަމަވެސް ބައެއް މީހުން އެ އޮނިގަނޑަށް ނުފެތޭކަން ފާހަގަކޮށްފައެވެ.
މިވާހަކަތަކަށް އިޝާރާތްކުރައްވާ ރައީސް ވަނީ ސަރުކާރުން ބޭނުން ވަނީ ހުރިހާ މުވައްޒަފުންނަށްވެސް ގެއަށް ގެންދަން ލިބޭއެއްޗެެއް ކުރިއަށްވުރެ ބޮޑުވަންކަން ފާހަގަކުރައްވާފައެވެ. އަދި އެގޮތަށް ހައްލުނުވެ ތިބި ހުރިހާ އެންމެނަށް އެކަން ހައްލުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން އަޑު އިވުމުން މަހުރޫމްވެފައިތިބި ދެމަފިރިން ވެސް ވަނީ އެމީހުންނަށް ދިމާވާ ތަކުލީފުތައް ރައީސް އަށް ހިއްސާ ކޮށްފައެވެ. އެގޮތުން އަލިފާނުގެ ހާދިސާ ފަދަ ނުރައްކާތެރި ހާދިސާއެއް އެމީހުން ދިރިއުޅޭ އިމާރާތުގައި ހިނގި ނަމަވެސް އަޑު އިވުމުން މަހުރޫމްވެފައި ތިބުމުން އެކަންކަން ދެނަގަތުމަށް އުނދަގޫވާކަމަށާއި ސްކޫލްގައިވެސް މުދައްރިސުންނަށް މުޢާމަލާތް ކުރުމަށް ދަތިވާކަން ފާހަގަކުރިއެވެ.
މިކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ މި ސަރުކާރުން ތަރައްޤީކުރާ ފްލެޓްތަކުގައި އެމަޖެންސީ ހާލަަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަތަކަށް އެނގޭނެ ނިޒާމެއް ޤާއިމްކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމަށެވެ. އަދި ސްކޫލްގައި ވެސް އެކްސެސްބިލިޓީ ރަނގަޅުކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަޤުޞަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަ ދެއްކުމުގެ ފުރުޞަތު މިޕްރޮގްރާމުގެ ތެރެއިން ފަހިވެގެންދާނެއެވެ. ވަކިވަކި ރައްޔިތުންގެ ކަންބޮޑުވުން ޙިއްސާކުރެވޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި އިތުރު 8 ދާއިރާއަކުން ބައިވެރިވެވޭގޮތަށް މިހާރު ވަނީ ހުޅުވާލާފައެވެ.







.jpg?w=3840&q=75)
