.jpeg?w=3840&q=75)






.jpeg?w=3840&q=75)
.jpeg?w=3840&q=75)
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކޮށްގެން ކޯޓު މަރުހަލާގައި ހިނގަމުންދާ ދެ މައްސަލައިގެ ވެސް އަޑުއެހުމެއް މިމަހު ފެށުމަށް ނިންމާ ތާވަލުކޮށްފިއެވެ.
ބައެެއެް މަސްދަރުތަކުން ބުނާގޮތުގައި ރ. ފުއްގިރި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ މި މަހު 23 ވަނަ ދުވަހަށެވެ. އަދި ވ. އާރަށް މައްސަލައިގެ އަޑުއެހުން މި މަހު 29 ވަނަ ދުވަހަށް ވަނީ ބާއްވަން ނިންމާފައެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްގެން ކޯޓު މަރުހަލާގައި މިވަގުތު ހިނގަމުންދަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގައި ޔާމީން ރިޝްވަތު ނަންގަވައި، މަނީ ލޯންޑާ ކުރެއްވި ކަމަށް ތުހުމަތުކުރާ މައްސަލައާއި ހަމަ އެ ކޯޕަރޭޝަން މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ޔާމީން ރިޝްވަތު ނަންގަވައި، މަނީ ލޯންޑާ ކުރެއްވި ކަމަށް ތުހުމަތުކުރާ މައްސަލައެވެ.
ވ. އާރަށުގެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ހުއްޓިފައި ހުރީ، ދައުލަތުން ހުށަހެޅި އާ ހެކިތަކެއް ބަލައިނުގަތުމަށް ހައި ކޯޓުން ކުރި ހުކުމުގެ ބައެއް، ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ. ސުޕްރީމް ކޯޓުން މިދިޔަ ޖުލައި މަހު ހުކުމްކުރީ ހައި ކޯޓުން ކަނޑައެޅި ގޮތަށް، އެ ހެކިތައް ބަލައިނުގަނެވޭނެ ކަމަށެވެ. ރ. ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ވެސް، މިދިޔަ އަހަރުގެ ފަހުކޮޅު ބައެއް އަޑުއެހުންތައް ބޭއްވި ފަހުން، ތާވަލު ކޮށްފައިނުވެ ވަނީ ހުއްޓިފައެވެ.
ރ. ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ ދައުވާއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ފުއްގިރި މައްސަލައިގައި ސަން ސިޔާމްގެ ދެ ކުންފުންޏަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ އިރު، ކްރިކް އަހުމަދު ރިޒާގެ މައްޗަށް ކުރި ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. ކޯޓު މަރުހަލާގައި ހިނގަމުންދަނީ ހަމައެކަނި ޔާމީންގެ މައްސަލައެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ޔާމީން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ ދައުވާގައި، ޔާމީންގެ ދިފާއީ ހެކިންގެ ހެކިބަހުގައިވާ ގޮތުން، ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ ނިސްބަތްވަނީ ފެލިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމްގެ އަތުން ޑޮލަރު ގަތުމަށް ހިންގި މުއާމަލާތަކަށް ކަމަށެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން އާންމުކުރި ހުކުމްގައި ވާ ގޮތުން، ޔާމީންގެ ދިފާއުގައި ހެކިބަސް ދިން ހެކިންނަކީ ޖިނާއީ އަދުލުގެ ނިޒާމް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހުށަހަޅާފައިވާ ހެކިން ކަމަށް ބެލެވެއެވެ. ހެކިންގެ ހެކިބަހުގައި ހުރި ފުށޫއެރުންތަކާއި ދެކޮޅު ނުޖެހޭ ވާހަކަތަކުން، ހެކިން ކޯޓަށް އޮޅުވާލައި ދޮގު މައުލޫމާތު ދީފައިވާކަން ހާމަވެފައިވާ ކަމަށް ވެސް ހުކުމްގައި ފާހަގަކޮށްފައިވެއެވެ.
.jpeg?w=3840&q=75)



