




.jpg?w=3840&q=75)



ދަ ޓްރެވެލާގެ އުމްރާގެ ދަތުރުވެރިން
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން މޯލްޑިވިއަނުން މާލެއިން ޖިއްދާއަށް ކުރުމަށް ހަމަޖެހިފައިވާ އުމްރާ ފްލައިޓް ތާރީހު ފަސްކޮށްފި އެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ސަޢުދީ ޢަރަބިއްޔާ ހިމެނޭ ސަރަޙައްދުގެ ސަލާމަތީ ކަންކަން އެ އެއާލައިނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
އެގޮތުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެެފައިވާތީ، މިހާރުގެ ހާލަތަކީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ފަދަ ނުރައްކާތެރި ޙާލަތެއް ކަމަށް މޯލްޑިވިއަނުން ފާހަގަކުރި އެވެ.
ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން ނެރެފައިވާ ބަޔާންތަކާ ގުޅިގެން ޖިއްދާގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގައިވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، މަސްރަޙު ގޯސްވުމުގެ ސަބަބުން ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކުންވެސް މިހާރު ސަޢޫދީ ޢަރަބިއްޔާއަށް ކުރާ ދަތުރުތައް މެދުކަނޑާލާފައިވެ އެވެ.
މި ކަމުގެ ސަބަބުން އުމްރާވެރިންނަށް ދިމާވެދާނެ ދަތިތަކަށް ހައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަނުން ވަނީ މާފަށް އެދިފަ އެވެ.އަދި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭ ކަންތައް ކަމުގައި އެ ދެ މުއައްސަސާއިން ފާހަގަކުރިއެވެ.
މި ހާލަތުން އަރައިގަނެ، ދަތުރުގެ ރައްކާތެރިކަން ކަށަވަރުވުމުން، މި ދަތުރަށް ފައިސާ ދައްކަވާފައިވާ ހުރިހާ ފަރާތްތަކަށްވެސް އިތުރު އަގަކާނުލައި، އުމުރާގެ އަޅުކަމަށް ވަޑައިގެންނެވޭނެ ފުރުސަތު ފަހިކޮށްދެވޭނެ ކަމުގެ ޔަގީންކަން ޙައްޖު ކޯޕަރޭޝަނުން ދެއްވި އެވެ. މި ދަތުރުގައި ބައިވެރިވާ ފަސިންޖަރުންނަށް ބޭނުންވާ އެހީތެރިކަން ދެ މުއައްސަސާއިންވެސް ފޯރުކޮށްދެމުންދާނެ ކަމަށް އެފަރާތުން ބުންޏެވެ. އަދި ސަރަޙައްދުގެ މަސްރަޙު ހަމައަކަށް އެޅި ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުވުމުން، ދަތުރު ކުރާނެ އާ ތާރީޚެއް ފަސިންޖަރުންނަށް އަންގާނެ ކަމަށްވެސް އެ ފަރާތްތަކުން ބުންޏެވ.







%20(5).jpeg?w=3840&q=75)