








ސިދާތް މަލްހޯތްރާ
ސިދާތް މަލްހޯތްރާ އަދި ތަމަންނާ ބާޓިއާ ލީޑު ރޯލުން ފެނިގެންދާ ފެންޓަސީ ފިލްމު "ދަ ވާން: ފޯސް އޮފް ދަ ފޮރެސްޓް" ގެ ޓްރެއިލާ ދައްކާލައިފިއެވެ.
މި މަހުގެ 25 ގައި ރިލީޒްކުރާ މި ފިލްމަކީ އިންޑިއާގެ ޤަދީމީ ވާހަކަތަކާއި ބިރުވެރިކަން އަދި އެކްޝަން އެކުލެވޭ ގޮތަށް އުފައްދާފައިވާ ފިލްމެކެވެ.
ފިލްމުގެ ޓްރެއިލާއިން ފެނިގެންދަނީ ސިހުރުވެރި ބާރުތަކެއް އެކުލެވޭ ޖަންގައްޔަކާއި، އެ ޖަންގަލީގައިވާ ގަވާއިދުތަކާ ހިލާފުވެއްޖެނަމަ ދިމާވާ ބިރުވެރި ކަންތައްތަކެވެ. އިރު އޮއްސުމަށްފަހު އެ ޖަންގައްޔަށް ވަނުމަކީ މަނާ ކަމެކެވެ.
ފިލްމުގައި ސިދާތް އާއި ތަމަންނާ ފެނިގެންދާނީ މުމްބާއީގައި އުޅޭ ދެމަފިރިންގެ ގޮތުގައެވެ. އަދި ފިލްމުގެ މައިގަނޑު މައުޟޫއަކީ ތަރައްޤީ އާއި ޤަދީމީ އާދަކާދަތަކާ ދެމެދު ހިނގާ ކުރިމަތިލުންތަކެވެ. އަދި މި ޖަންގަލި ސަލާމަތްކުރުމަށް ސިދާތް ކުރާ ހަނގުރާމަ ޓްރެއިލާއިން ފެނިގެންދެއެވެ.
ޓީވީއެފް އަދި އެކްތާ ކަޕޫރުގެ ބާލާޖީ މޯޝަން ޕިކްޗާސް ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ދީޕަކް ކުމާރު މިޝްރާއެވެ. ސިދާތް އާއި ތަމަންނާގެ އިތުރުން ސުނިލް ގްރޯވަރު، ޝްވޭތާ ތިވާރީ އަދި މަނީޝް ޕޯލް ފަދަ ތަރިންވެސް މި ފިލްމުން ފެނިގެންދާނެއެވެ.