


.jpeg?w=3840&q=75)


.jpeg?w=3840&q=75)

ސައުދީ އަރަބިއްޔާގެ ސަލާމަތީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، އެ ޤައުމަށް ދަތުރުކުރުމާމެދު ދެވަނަ ވިސްނުމަކަށް ދިއުމަށް އެމެރިކާގެ ރައްޔިތުންނަށް އެ ޤައުމުގެ އެމްބަސީން އަންގައިފިއެވެ.
ރިޔާޒުގައި ހުންނަ އެމެރިކާގެ އެމްބަސީން މިފަދަ އެންގުމެއް އާންމުކުރީ، މާތްވެގެންވާ މައްކާ ހިމެނޭ ސަރަޙައްދަށާއި ސައުދީގެ އެކި ސަރަޙައްދުތަކަށް ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންގެ ހަމަލާތަކެއް އަމާޒުވެދާނެ ކަމަށް ބުނެ ސައުދީ ސަރުކާރުން ނެރުނު އިންޒާރަކާ ގުޅިގެންނެވެ.
އެމްބަސީގެ އެޑްވައިޒަރީ ބަޔާނުގައި ވާގޮތުން، ހޫޘީންގެ މިސައިލާއި ޑްރޯން ހަމަލާތައް ސައުދީގެ އެކި ހިސާބުތަކަށް ފޯރުމުގެ ނުރައްކާ އިންތިހާއަށް އެބައޮތެވެ. މީގެއިތުރުން، ސައުދީގައި ޤާއިމުވެފައިވާ އެމެރިކާގެ މަސްލަހަތުތަކަށް އަމާޒުކޮށް އީރާނުގެ ހަމަލާއެއް އަޔަ ނުދިނުމަށް ދުރާލައި ރައްކާތެރިކަން އިޚްތިޔާރުކުރުމަށްވެސް ވަނީ ގޮވާލާފައެވެ. އަދި ޓެރަރިޒަމްގެ ބިރުވެރިކަން ބޮޑުވުމުގެ ސަބަބުން، ޚާއްސަކޮށް ސައުދީ އާއި ޔަމަން ގުޅޭ ބޯޑަރު ސަރަޙައްދުތަކަށް އެމެރިކާ ރައްޔިތުން ދަތުރު ނުކުރުމަށް ވަނީ ވަރުގަދަ އިންޒާރެއް ދީފައެވެ.
މި ނުރައްކާތަކާ ގުޅިގެން ވޮޝިންޓަންގެ ޚާރިޖިއްޔާއިން ވަނީ ދަތުރުފަތުރުގެ ރައްކާތެރިކަމުގެ ދަރަޖަ މަތިކޮށްފައެވެ. އެގޮތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރުމުގައި 'ލެވެލް 3' ގެ އެލަޓް ނެރެފައިވާއިރު، ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ ޔަމަނަށް އެއްގޮތަކަށްވެސް ދަތުރު ނުކުރުމަށް އަންގައި ވަނީ 'ލެވެލް 4' ގެ އެންމެ މަތީ ދަރަޖައިގެ ރަތް އިންޒާރު ނެރެފައެވެ.
މިދިޔަ ދުވަސްތަކުގައި ހިނގި ހާދިސާތަކަށް ބަލާއިރު، ހޫޘީން މައްކާއާއި މަދީނާ ހިމެނޭ ސަރަޙައްދުތަކަށް އަމާޒުކޮށް ފޮނުވާލި މިސައިލްތަކެއް ވައިގެ ތެރޭގައި ގޮއްވާލައި ނާކާމިޔާބު ކޮށްލާފައިވާ ކަމަށް ސައުދީ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. ނަމަވެސް، ހޫޘީންގެ ފަރާތުން މި ވާހަކަތައް ދޮގުކުރެއެވެ.
މުސްލިމުންގެ އެންމެ މާތްވެގެންވާ ދެ ޙަރަމްފުޅު ހިމެނޭ ސަރަޙައްދަށް އަމާޒުކޮށް ހޫޘީން ހިންގަމުންދާ މިފަދަ ޢުދުވާނީ ޢަމަލުތައް، އިސްލާމީ ޤައުމުތަކުގެ އިއްތިހާދު (އޯއައިސީ) އިން ވަނީ ނުހަނު ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިއީ މުޅި އިސްލާމީ އުންމަތުގެ ސަލާމަތަށް ދެވޭ ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.



.jpeg?w=3840&q=75)



