






.jpg?w=3840&q=75)

-
މ. ދިއްގަރުގައި ސްޓެލްކޯއިން ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެ ރަށުގައި ބޭނުންކުރާ 400 ކިލޯވޮޓް (kW) ގެ ޖަނަރޭޓަރު ސެޓެއް އޯވަރހޯލްކޮށް ނިންމައި އަލުން ބޭނުންކުރަން ފަށައިފިއެވެ.
ސަރުކާރުގެ ކުންފުނިތައް ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ފަށާފައިވާ އިޞްލާޙީ އެޖެންޑާގެ ދަށުން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މ. އަތޮޅުގެ 8 ރަށަކަށް ދެމުންދިޔަ ޔޫޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ރަސްމީކޮށް ޙަވާލުކުރީ މިއަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. އެ ބަދަލާއެކު ސްޓެލްކޯގެ ދަށަށް ބަދަލުވި ރަށްތަކަކީ މ. މުލި، ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލައް، ނާލާފުށި، ރަތްމަންދޫ އަދި ވޭވަށެވެ.
ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް އިސްރާފު ކުޑަކުރުމުގެ ގޮތުން ފެނަކައިން ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައިވެސް ރާއްޖޭގެ 3 އަތޮޅެއްގެ ރަށްތަކަށް ދެމުންދިޔަ ޔޫޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފައެވެ.
ސްޓެލްކޯއިން ބުނީ، އެ ކުންފުނީގެ ދަށުން ޚިދުމަތްދޭ ހުރިހާ ރަށެއްގައިވެސް މެދުނުކެނޑި، އިތުބާރު ހުރި ކަރަންޓުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ.
އަދި މ. އަތޮޅުގެ ރަށްރަށުގެ ޕަވަރހައުސްތަކުގެ ހިންގުން ބަދަލުކޮށް، އައު ވަސީލަތްތައް ޤާއިމުކުރަން ފެށުމާއެކު، ކުރިއަށް އޮތް ތަނުގައި އެ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތަށް ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބި، ޚިދުމަތްތަކުގެ ފެންވަރު އެތައް ގުނައެއް މަތިވެގެންދާނެ ކަމުގެ ޔަޤީންކަން ސްޓެލްކޯއިން ވަނީ ދީފައެވެ.








