
-
ދިވެހިރާއްޖޭގައި ފާހަގަކުރާ ޤައުމީ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޤައުމީ ޚިދުމަތުގައި ތިއްބެވި އެންމެހައި ދިވެހި އިންޖިނިއަރުންނަށާއި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ދުވަހުގެ މަރުޙަބާއާއި ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
މި މުނާސަބަތުގައި ދެއްވި ޚާއްޞަ މެސެޖުގައި ޑރ. އަޒުވަރު ވިދާޅުވީ، އިންޖިނިއަރިންގ ދާއިރާއަކީ ކޮންމެ ޤައުމެއްގެވެސް ތަރައްޤީއާއި ތަހުޒީބުގެ މައިބަދަ ކަމަށެވެ. އަދި ސްޓެލްކޯގެ އެންމެ ބޮޑު އެއް ފަޚުރަކީ އެ ކުންފުނީގެ ޚިދުމަތުގައި ތިއްބެވި ސައްތައިންސައްތަ ދިވެހި ޤާބިލު އިންޖިނިއަރުން ކަމަށާއި، ރައްޔިތުންނަށް ދެމުންދާ އަސާސީ ޚިދުމަތްތައް 24 ގަޑިއިރު ހުއްޓުމެއްނެތި ފޯރުކޮށްދިނުމުގައި ދެމިތިބުމުގެ އަސްލަކީ މި ޓީމުގެ ބުރަ މަސައްކަތް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ވަސީލަތްތައް މަދު ޒަމާނެއްގައި ގޮންޖެހުންތަކާއެކު ތަޢުލީމު ޙާޞިލުކުރައްވައިގެން ސްޓެލްކޯއާ ގުޅިވަޑައިގެންނެވި އިސް ރަން އިންޖިނިއަރުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، އަވަހާރަވެފައިވާ އިންޖިނިއަރުންގެ ހަނދާން އައުކުރެއްވިއެވެ.
މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އެމްޑީ ވިދާޅުވީ، ޔޫރަޕްގެ ޤައުމުތަކަށް ފޮނުވައިގެންނާއި އެކި ގޮތްގޮތުން 2024 ވަނަ އަހަރު 535 ތަމްރީނު ފުރުޞަތު އަދި 2025 ވަނަ އަހަރު 947 ތަމްރީނު ފުރުޞަތު މުވައްޒަފުންނަށް ފަހިކޮށްދީފައިވާ ކަމަށެވެ. އަދި މިހާރުވެސް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދެމުންދާ ކަމަށް ފާހަގަކުރެއްވިއެވެ.
ޒުވާން ޖީލަށް މެސެޖު ދެއްވަމުން ޑރ. އަޒުވަރު ވަނީ، އިންޖިނިއަރިންގ ދާއިރާއަކީ އުފެއްދުންތެރި އަދި ފުރުޞަތުތައް ތަނަވަސް ދާއިރާއަކަށްވުމުން މި ދާއިރާ ޚިޔާރުކުރުމަށް ގޮވާލައްވާފައެވެ. އަދި މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ހުނަރުވެރި ޒުވާނުންނަށް ސްޓެލްކޯގެ ދޮރުތައް އަބަދުވެސް ހުޅުވިފައިވާ ކަމަށް ވިދާޅުވެ، އިންޖިނިއަރުންގެ ބުރަ މަސައްކަތަށް އެމަނިކުފާނު ވަނީ އިޚްލާޞްތެރި ޝުކުރު އަދާކުރައްވާފައެވެ.

.jpeg?w=3840&q=75)




.jpeg?w=3840&q=75)




.jpeg?w=3840&q=75)




