

.jpg?w=3840&q=75)






ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މަޢުމޫން އަބްދުލްޤައްޔޫމް
ރާއްޖެ މިދިޔަ 900 އަހަރުވެސް އޮތްގޮތަށް އިސްލާމްދީނަށް ވަފާތެރި ގައުމެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މަޢުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މަޢުމޫން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ރާއްޖެ އިސްލާމްވި ދުވަހާއި ގުޅިގެން ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގަ އެވެ.
މަޢުމޫން ވިދާޅުވީ 548 ވަނަ އަހަރުގެ ރަބީޢުލްއާހިރުމަހުގެ 2 ވަނަ ދުވަހު ދިވެހިން އިސްލާމްދީން ގަބޫލުކުރިތާ 900 އަހަރު ފުރުމަކީ ވަރަށް މުހިންމު މުނާސަބަތެއްކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި ދިވެހީންގެ ކާބަފައިން ފާއިތުވި 900 އަހަރު ސާބިތުކޮށްދެއްވާފައިވަނީ ވަރަށް ވަރުގަދަ ފިލާވަޅެއްކަން ފާހަގަކުރައްވާ މަޢުމޫން ވިދާޅުވީ ރާއްޖެއަށް ތަފާތު އެކި ކަންކަން ދިމާވި ނަމަވެސް ކާބަފައިން އިސްލާމްދީން ދޫކޮށްނުލައި ދެއްކެވީ ފުރިހަމަ ނަމޫނާއެއް ކަމަށެވެ.
އިސްލާމްދީނަށް އެއްވެސް ލޮޅުމެއް އައިސްދާނެފަދަ ގޮތަކަށް ކާބަފައިން އަމަލުކޮށްފައި ނުވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އިސްލާމްދީނުގެ މަތީގައި ދިވެހިން މިހާތަނަށް ދެމި ތިބީ ސާބިތުކަމާއެކުކަން އެމަނިކުފާނު ފާހަގަކުރައްވާ ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް އިސްލާމް ދީނުގެ ހިދާޔަތުގައި ދެމި ތިބެންޖެހޭ ކަމަށެވެ.
"އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ. ދިވެހި ޤައުމު ބިނާވަނީ އިސްލާމްދީނުގެ މައްޗަށް. އެއީ ދިވެހި ޤައުމިއްޔަތުގެ ވެސް ބިންގާ. އެހެންވީމަ އެ ދޫކޮށްލައިގެން ފަރު ނުޖެހޭނެ." ކުރީގެ ރައީސް މަޢުމޫން އަބްދުލް ޤައްޔޫމް ވިދާޅުވި އެވެ.
ރާއްޖެއަށް އިސްލާމްދީން ހިޖުރައިން 548 ވަނަ އަހަރު (މީލާދީން 1153) ގައި އައިރު، މިއަދު ފާހަގަކުރަމުން މިދަނީ 900 އަހަރު ފުރުމުގެ މުނާސަބަތެވެ. ރާއްޖޭގެ ގާނޫނުއަސާސީގައިވަނީ ދިވެހިރައްޔިތަކަށް ވެވޭނީ މުސްލިމަކަށްވުމުންކަމާއި، ރާއްޖޭގެ ގާނޫނުތަކުގެ މައިގަނޑު އަސާސަކީ އިސްލާމީ ޝަރީއަތް ކަމަަށެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެ އެވެ.


.jpg?w=3840&q=75)





.jpg?w=3840&q=75)