








ޚިދުމަތުގައި ގިނަ ދުވަސް ވެފައިވާ މުވައްޒަފުން ކުންފުންޏާއި ވަކިވެގެން ދިއުމަކީ ކުންފުންޏަށް ލިބޭ ދެރައެއް ނަމަވެސް، އެ މުވައްޒަފުން ޚިދުމަތާއި ވަކިވެގެންދަނީ ރަނގަޅު ލެގަސީއެއް ދޫކޮށްފައި ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ 2 ބޭފުޅަކު ޚިދުމަތުން ވަކިވެވަޑައިގަތުމާއި ގުޅިގެން އެ ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބުދަދުވަހު ސްޓެލްކޯގައި ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުން ޑރ. އަޒްވަރު ވިދާޅުވީ، ތަޖުރިބާކާރު އެފަދަ ބޭފުޅުން ކުންފުންޏާއި ވަކިވެގެން ދިއުމަކީ ކުންފުންޏެއްގެ ޙައިސިއްޔަތުން ދިމާވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެގޮތުން ކަންކަން ތަރައްޤީކުރުމުގެ ގޮތުން އިންޖީނުތައް އިތުރުކޮށް، އައު މޮޑެލްތައް ހޯދައި، ޢިމާރާތްތަކުގެ އާބާތުރަފިލުވައި ހެދުނު ނަމަވެސް އެފަދަ ފަރާތްތަކުގެ ތަޖުރިބާ އަލުން ލިބި ނުގަނެވޭނެ ކަމަށް ޑރ. އަޒްވަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިފަދަ ފަރާތްތަކުގެ ތަޖުރިބާ އެއީ ރިޕްލޭސްކުރަން ވަރަށް ބޮޑު ޗެލެންޖެއް ކަމަށާއި މި ބޭފުޅުން އެ ގެންދަވާ އިންސްޓިޓިއުޝަނަލް މެމޮރީ، އެ ކުންފުންޏަކަށް، އެ އިދާރާއަކަށް ހަމަ ވަރަށް މުހިއްމު ކަންތައް ކަމަށެވެ.
" ދެންމެ ބައެއް ބޭފުޅުން ފާހަގަކުރައްވައިފި ކުރީގެ ބައެއް ކަންތައްތަކުގަ (ޚިދުމަތުގައި ގިނަ ދުވަސް ވެފައިވާ ބޭފުޅުންގެ) ތަޖުރިބާގެ މައްޗަށް ކުންފުނީގެ މަސައްކަތާ ގުޅޭގޮތުން އެ ހިއްސާކުރައްވާ ވާހަކަތައް. އެއީ ކުންފުންޏަކަށް ބޭސްކޮށްފަ ވަރަށް މުހިއްމު ކަންތައްތައް އަޅުގަނޑުމެންގެ އެކި ކަންކަން ތަރައްޤީކުރުމުގަ، މައްސަލަތަކަށް އެޓެންޑް ކުރުމުގަ، އެ އިންސްޓިޓިއުޝަނަލް މެމޮރީ. އެއީ އަޅުގަނޑުމެންނަށް ގެއްލިގެންދާނެ ވަރަށް މުހިއްމު ބައެއް."
ޑރ. އަޒްވަރު ވިދާޅުވީ ކަން މިހެން އޮތް ނަމަވެސް، މިއަދު ވަޒީފާއިން ވަކިވި މުވައްޒަފުންނަކީ ރަނގަޅު ލެގަސީއެއް ދޫކުރައްވާފައި ވަޑައިގަންނަވާ ބޭފުޅުންކަމަށެވެ. އެގޮތުން އެ ބޭފުޅުންގެ ދަށުން މަސައްކަތްކުރަމުންދިޔަ ޒުވާން ޖީލުތަކަށް އެ ބޭފުޅުން ގިނަ ފިލާވަޅުތަކެއް ދަސްކޮށްދީފައިވާކަން ޑރ. އަޒްވަރު ފާހަގަކުރެއްވިއެވެ.
ސްޓެލްކޯގެ ޚިދުމަތުން ވަކިވެވަޑައިގެންނެވި ދެ ބޭފުޅުންނަކީ ވޭތުވެދިޔަ 48 އަހަރު ކުންފުންޏަށް ޚިދުމަތްކުރައްވާފައިވާ ސަރވިސް އިންޖިނިއަރ މުޙައްމަދު މަނިކާއި، ވޭތުވެދިޔަ 37 އަހަރު ކުންފުންޏަށް ޚިދުމަތްކުރައްވާފައިވާ އެސިސްޓަންޓް ސަރވިސް އިންޖިނިއަރ އަޙްމަދު މައުރޫފްއެވެ.








