






.jpg?w=3840&q=75)

ޑރ މުހައްމަދު ޝަހީމް:- ފޮޓޯ | ގާފު
ޤައުމީ ތަރައްޤީއަކީ ހަމައެކަނި ކޮންކްރީޓް ތަރައްޤީއެއް ނޫން ކަމަށާއި، ޤައުމުގެ މުސްތަޤުބަލު އުޖާލާކުރުމަށްޓަކައި އިސްލާމީ އަޤީދާގެ މަތީގައި އިންސާނާ ބިނާކުރުމަކީ ކޮންމެ ދިވެހި ފަރުދެއްގެވެސް ޤައުމީ ވާޖިބެއް ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅިގެން "ގާފު" ނޫހަށް ދެއްވި ޚާއްޞަ އެކްސްކްލޫސިވް އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، މި މުހިންމު މުނާސަބަތުގައި އެންމެ އިސްކަމެއް ދޭންވީ ހެޔޮލަފާ ފަރުދުން ބިނާކުރުމަށް ކަމަށެވެ.
އެގޮތުން، އިސްލާމްދީނުގެ މަތިވެރި އަޤީދާއާއި ތަރުބިއްޔަތުގެ މަތީގައި ރަނގަޅު ދަރިއެއް، ދަރިވަރެއް އަދި ޤައުމަށް ވަފާތެރި ރަނގަޅު މުވާޠިނެއް އުފެއްދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ، ރާއްޖޭގެ މުސްތަޤުބަލުގެ އުޖާލާ މަންޒަރަކީ މިއަދުގެ ޒުވާނުން ކަމަށެވެ. އެހެންކަމުން، ކުރިމަގުގައި ރާއްޖޭގެ އިސްލާމީ ވަޙްދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ޒުވާން ޙާފިޡުންނާއި ޒުވާން ޚަޠީބުން އަދި ޒިންމާދާރު ރަނގަޅު މުވާޠިނުން ބިނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަނީ އެ ސަބަބަށްޓަކައި ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މުޅި ޤައުމާއި ދައުލަތް ބިނާވެގެން އަންނަނީ ފަރުދުންގެ މައްޗަށް ކަމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރަނގަޅު މުވާޠިނެއްގެ ސަބަބުން ހެޔޮލަފާ ޢާއިލާއެއް ބިނާވާ ކަމަށެވެ. އަދި ރަނގަޅު ޢާއިލާތަކެއްގެ މައްޗަށް ރަނގަޅު މުޖުތަމަޢެއް އުފެދި، އޭގެ ނަތީޖާއެއްގެ ގޮތުން ދުޅަހެޔޮ ޤައުމަކާއި ހަރުދަނާ ސަރުކާރާއި ދައުލަތެއް އުފެދިގެންދާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، މުޅި ނިޒާމު ތަރުތީބުވެގެން އަންނަނީ މުވާޠިނާގެ މައްޗަށް ކަމަށްވާތީ، ޒުވާނުން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަކީ މުޅި ޤައުމު ރަނގަޅު ގޮތުގައި ބިނާކުރުން ކަމުގައި ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.






.jpg?w=3840&q=75)

