
-
ދިވެހިރާއްޖެ އިސްލާމްދީނުގެ ހިދާޔަތު ލިބުނުތާ 900 އަހަރު ފުރޭ ތާރީޚީ އަދި ބަރަކާތްތެރި މުނާސަބަތަކީ މުޅި ގައުމީ ހަޔާތުގައި ވެސް އަންނާނެ އެންމެ ފަޚުރުވެރި އެއް ބާބެވެ. ހިޖުރައިން 548 ވަނަ އަހަރު، ރަބީއުލްއާޚިރު މަހުގެ 2 ވަނަ ދުވަހު ދިވެހި ފަސްގަނޑަށް ފެތުރިގެންދިޔަ އިސްލާމީ ނޫރަކީ ދިވެހިންގެ އުޅުމާއި ގުޅުމާއި، ސަގާފަތާއި މިނިވަންކަމުގެ މައި ތަނބެވެ.
މިއަދު މި ބޮޑު މުނާސަބަތު ފާހަގަކުރާއިރު، މިއީ ހަމައެކަނި މާޒީގެ ތާރީޚީ ސަފްހާތައް ހަނދާންކޮށްލުމުން ނިންމާލަންވީ ކަމެއް ނޫނެވެ. މިއީ މުޅި މުސްތަގުބަލާ ގުޅިފައިވާ، ޚާއްޞަކޮށް މިއަދުގެ ޒުވާން ޖީލުގެ ވިސްނުމާއި ޒިންމާތަކާ ގުޅުވައިގެން ޖަވާބު ހޯދަންޖެހޭ އަސާސީ ސުވާލެކެވެ. ކާބަފައިން ނުވަ ސައްތަ އަހަރު ވަންދެން ލެޔާއި ފުރާނައިން ރައްކާތެރިކުރި މި މަތިވެރި އިސްލާމީ އަމާނާތް އުފުލުމުގެ ހަގީގީ ހިތްވަރާއި ތައްޔާރީ މިއަދުގެ ޒުވާނުންގެ ކިބައިގައި އެބަހުރި ހެއްޔެވެ؟
ޒަމާނީ ދުނިޔޭގެ ވިސްނުންތަކާއި، ގްލޯބަލައިޒޭޝަނާއި، ސޯޝަލް މީޑިއާގެ ތެރޭގައި ތަފާތު ފިކުރުތައް ފެތުރެމުންދާ މި ނާޒުކު ދަނޑިވަޅުގައި، މި އަމާނާތް އުފުލުމަށް ޒުވާނުންގެ ކިބައިން ފެންނަންޖެހޭ އެންމެ މުހިންމު ސިފައަކީ އަމިއްލަ ދީނީ އަދި ގައުމީ އަމިއްލަވަންތަކަމުގައިސާބިތުވެ ތިބުމެވެ. ފާއިތުވި ނުވަ ސައްތަ އަހަރު ދިވެހިރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތުމުގެ އެންމެ ބޮޑު ސިއްރަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮތް އެއްބައިވަންތަކަމެވެ. ބައިބައިވުންތަކާއި ފިކުރީ ހަމަނުޖެހުންތަކުން ސަލާމަތްވެ، އެއް އަގީދާއެއްގެ މަތީގައި ތިބުމަކީ ދިވެހި ގައުމިއްޔަތުގެ އަސްލު ބާރެވެ. ޒުވާނުން މިއަދު ދަސްކުރަންވީ ބޭރުގެ އޮއިވަރުތަކުގެ ތެރޭގައި ތިމާގެ އަސްލު ގެއްލުވައިނުލައި، މި އަމާނާތުގެ ހައްގު އަދާކުރުމަށްޓަކައި ދީނުގެ ރިވެތި އުސޫލުތައް އެންމެ ކުރީ ސަފުގައި ހިފެހެއްޓުމަށެވެ.
މީގެ އިތުރުން، އިސްލާމީ އަމާނާތަކީ ހަމައެކަނި ދުލުން ބުނެލާ ބަހެއް ނޫނެވެ. އެއީ ދިރިއުޅުމުގެ އަމަލީ މައިދާނުން ފެންނަންޖެހޭ ރިވެތި އަޚުލާގާއި އިޖުތިމާއީ އަދުލުވެރިކަމެވެ. ބިރުވެރިކަމާއި އަނިޔާވެރިކަމުގެ ތެރެއިން ސުލްހަވެރިކަމާއި އޯގާތެރިކަމުގެ މައްޗަށް ބިނާވި މުޖުތަމައެއް އުފެދިގެން ދިޔައީ އިސްލާމީ މަތިވެރި ތަރުބިއްޔަތުގެ ސަބަބުންނެވެ.
ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މުޖުތަމައުން ފެންނަނީ މަސްތުވާތަކެއްޗާއި، ކުށްތަކާއި، އަޚުލާގީ ފަސާދައިގެ މަޅީގައި ޒުވާނުން ޖެހި، މި އަމާނާތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ މަންޒަރެވެ. 900 އަހަރުގެ މި ތާރީޚުން ޒުވާނުންނަށް ލިބިދޭ އެންމެ ބޮޑު ފިލާވަޅަކީ، ތިމާގެ ނަފްސާއި މުޅި މުޖުތަމައުގެ ރައްކާތެރިކަން އޮތީ އިސްލާމީ މާތް އަޚުލާގު ހިމާޔަތްކުރެވިގެން ކަމެވެ. މި އަމާނާތް ރައްކާތެރިކުރެވޭނީ ޒަމާނީ ކުރިއެރުމާއެކު ރިވެތި ސުލޫކާއި އަޚުލާގު އިސްކޮށްގެންނެވެ.
ހަމައެއާއެކު، އިސްލާމީ ތާރީޚަކީ ހަމައެކަނި އަޅުކަމުގެ ތާރީޚެއް ނޫނެވެ. އެއީ އިލްމާއި، ހޭލުންތެރިކަމާއި، އުފެއްދުންތެރިކަމުގެ ވެސް ރަން ޒަމާނެކެވެ. ރާއްޖެ އިސްލާމްވުމަށްފަހު، ދިވެހި ލިޔެކިޔުމާއި، ތައުލީމާއި، ފަންނުވެރިކަމަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އައެވެ. އެހެންކަމުން، މިއަދުގެ ޒުވާނުން މި އަމާނާތް އުފުލަން ތައްޔާރުވާންވީ އިލްމީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ދުނިޔެއަށް ލޯހުޅުވިފައިވާ، އުފެއްދުންތެރި، އަދި އިސްލާމް ދީނަށް ވަފާތެރި ޖީލެއްގެ ގޮތުގައެވެ. ދައުލަތް ބިނާކުރުމުގައްޔާއި އިގްތިސާދީ ކުރިއެރުމުގައި އިސްނަގައި، އިލްމީ ގޮތުން ގައުމު ބާރުވެރިކުރުމަކީ ޒަމާނީ ދުނިޔޭގައި އިސްލާމީ އަމާނާތް ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މި ތާރީޚީ ދުވަހަކީ، މާޒީގެ ފަޚުރުވެރިކަމަށް ޝުކުރުވެރިވުމާއެކު، މުސްތަގުބަލުގެ ޒިންމާތަކަށް ލޯހުޅުވާލަންވީ ވަގުތެވެ. ނުވަ ސަތޭކަ އަހަރު ދުވަހު އަޅުގަނޑުމެންގެ ކާބަފައިން އަގުހުރި ޖަވާހިރެއް ފަދައިން ރައްކާތެރިކޮށް އަޅުގަނޑުމެންނާ ހަމައަށް ގެނެސްދިން މި މަތިވެރި އިސްލާމީ އަމާނާތް، އޭގެ އެންމެ ފުރިހަމަ އަދި ސާފު ގޮތުގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޒުވާނުން ފަސްނުޖެހި އުފުލަންޖެހިފައިވާ އެންމެ ބޮޑު ގައުމީ އަދި ދީނީ ވާޖިބެވެ.












.jpg?w=3840&q=75)



