





އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ދިވެހިރާއްޖެ އިސްލާމީ ވަރުގަދަ ޤައުމެއްގެ ގޮތުގައި ކުރިމަގުގެ ޖީލުތަކާ ހަމައަށް ގެންގޮސްދިނުމަށްޓަކައި ދީނީ ދާއިރާއިން މުހިންމު ބޮޑެތި މަޝްރޫޢުތަކެއް މިހާރުވެސް ހިންގަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ، ފާއިތުވި 900 އަށްވުރެ ގިނަ އަހަރު ދިވެހިރާއްޖެ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ މައިގަނޑު ސިއްރުތަކަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން އެންމެ އިސް ސަބަބަކީ މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުކަން ފާހަގަކުރައްވައި، ތާރީޚުގެ ތެރޭގައި ޤައުމުގެ ވެރިންނާއި ރައްޔިތުން ވެވަޑައިގެންނެވި ޤުރުބާނީތަކާއި ޖިހާދުގެ މުހިންމުކަން ވަޒީރު ހަނދާންކޮށްދެއްވިއެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ އިސްލާމީ އުންމަތާއެކު އޮތް ގާތް ގުޅުމާއި، ޤާނޫނުއަސާސީން ދީނަށް ދީފައިވާ ހިމާޔަތަކީ މި ޤައުމު އިސްލާމްދީންމަތީ ދެމިއޮތުމުގެ މައިގަނޑު ބަހާތައް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އިސްލާމީ ކަންކަން ކުރިއެރުވުމަށް އެޅުނު ހަރުދަނާ ފިޔަވަޅުތައް ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، ޒަކާތާ ބެހޭ އައު ޤާނޫނާއެކު ޒަކާތުގެ ނިޒާމު ހަރުދަނާވެ، ރައްޔިތުންގެ އިތުބާރު އިތުރުވުމުގެ ސަބަބުން ޒަކާތުގެ ގޮތުގައި ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ހަމައެހެންމެ، ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ޒަކާތު ފަންޑުން ދޭ ސްކޮލަރޝިޕްގެ ފުރުޞަތުތައް އަލުން ހުޅުވާލެވިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގޭ އެންމެ ބިޔަ ވަޤުފު މަޝްރޫޢުތައް މިހާރު ކުރިއަށްދާކަން ހާމަކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމުމަށް އަމާޒުހިފާފައިވާ މި މަޝްރޫޢުތަކުގެ ތެރެއިން "ދާރުލްނޫރު" މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށެވެ. އަދި މި މަޝްރޫޢުތަކުން ވަޤުފު ފަންޑަށް ސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މާލީ ތަނަވަސްކަން ދައުލަތަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާކުރުމުގެ މަސައްކަތްތަކަށް ބައްލަވާލައްވަމުން ވަޒީރު ވިދާޅުވީ، ޙާފިޒުންނަށް ދެވޭ އިނާޔަތް މިހާރު ބޮޑުކުރެވިފައިވާ ކަމަށެވެ. އަދި ރަށްރަށުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ 30 ގޮފި ޤާއިމުކޮށްފައިވާއިރު، އަލަށް 20 ގޮތްޕެއް ރަޖިސްޓްރީ ކުރުމާއި، އިތުރު 58 ތަނެއްގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. މީގެއިތުރުން އަންނަ އަހަރުގެ ބަޖެޓުގައި އިތުރު 30 މަރުކަޒެއް ތަރައްޤީކުރުމަށް ހިމަނާނެ ކަމުގައިވެސް ވިދާޅުވިއެވެ.
ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް، ދީނާއި ޤައުމިއްޔަތުގެ ދިފާޢުގައި އެންމެން އެކަތިގަނޑަކަށް ވުމަށް އިލްތިމާސްކުރައްވަމުން ވަޒީރު ވިދާޅުވީ، ސިޔާސީ ގޮތުން ތަފާތު ވިސްނުންތައް ހުއްޓަސް، އިސްލާމްދީނުގެ ޙިމާޔަތުގައްޔާއި ޤައުމުގެ ސިޔާދަތު ދެމެހެއްޓުމުގައި ދިވެހިން އަބަދުވެސް ތިބެންވާނީ އެއްބައިވަންތަކަންމަތީގައި ކަމަށެވެ.

.jpg?w=3840&q=75)



