
ޖޮއާއު ޕެޑްރޯ ހަލް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުލުރަނީ...
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޗެލްސީ އިން ހަލް ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
ލީގުގައި ހަލް ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި އެސްޓަން ވިލާ އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި އާސެނަލް އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
ޗެލްސީގެ ސްޓޭންފޯޑް ބްރިޖުގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޗެލްސީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު މޯގަން ރޮޖާސް އެވެ.
ހަލް ސިޓީ އިން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަަމަ ހާފުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަލްޖީރިއާ ފޯވާޑް މުހައްމަދު ބެލޫމީ އެވެ. އަދި އޭގެ ހަ މިނެޓް ފަހުން ބެލޫމީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް ހަލް ސިޓީއަށް ލީޑު ހޯދައިދީފައެވެ.
މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ހަލް ސިޓީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ޗެލްސީ އިން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މެޗުގެ 66 ވަނަ މިނެޓުގައި އެޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ޖޮއާއު ޕެޑްރޯ އެވެ.
މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ވަރަށް ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ހަލް ސިޓީއަށް އަށް ޕޮއިންޓް ލިބިފައިވާއިރު. އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ހޯދި އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ޗެލްސީއަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ.












