








ޓިލަމަންސް އައި ފެނާންޑޭސް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އަޒަރުބައިޖާންގެ ސަބާ ބަކޫ އާއި ދެކޮޅަށް ކުޅުނު މެޗާއެކު ޔޫރަޕްގެ އެންމެ ޝަރަފުވެރި ކުލަބު ފުޓްބޯޅަ މުބާރާތުގައި 300 މެޗު ކުޅުނު ފުރަތަމަ ކުލަބުގެ ޝަރަފް މެންޗެސްޓާ ޔުނައިޓެޑުން ހޯދައިފިއެވެ.
ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗު އެޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އޯޑް ޓްރަފޯޑްގައި ކުޅުނު މިމެޗުގެ ފުރަތަަމަ ހާފުގައި މޮޅަށް ކުޅެ ޔުނައިޓެޑުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް މެތިއަސް ކުންޔާ އެވެ.
ޔުނައިޓެޑުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ކެޕްޓަން ބުރޫނޯ ފެނަންޑޭސް ކާމިޔާބުކުރިއިރު، އޭގެ ތިން މިނެޓު ފަހުން ފޯވާޑް ބެންޖަމީން ޝެޝްކޯ ވަނީ އެޓީމު ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ޔުނައިޓެޑްގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް އެވެ.








