
ބިލެއް ޓައިޓެންސް އާއި އާލު އެސްސީ ވާދަކުރި މެޗުގެ ތެރެއިން..
ހދ. ނޮޅިވަރަމްގައި މިހާރު ކުރިއަށްދާ ކުލަބު ހުވާސް ފުޓްސަލް ޗެލެންޖް ކަޕް 2026 ގެ ގުރޫޕް ބީގައި މިއަދު ހަވީރު ބިލެއް ޓައިޓެންސް އާއި އާލު ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެ އެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ މިދިޔަ ދެއަހަރުގެ ވެސް ރަނަރަޕް އާލު އެސްސީ އިންނެވެ. އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާލު އެސްސީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ބިލެއް ޓައިޓެންސް އިން ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ދެލަނޑު ކާމިޔާބުކުރިއިރު، އާލު އެސްސީ އިން ވެސް މިހާފުގައި އިތުރު އެއްލަނޑު ކާމިޔާބުކުރިއެވެ.
އެގޮތުން މިމެޗުގައި އާލު އެސްސީގެ މުހައްމަދު އަލީ ރަޝީދު އަދި އަބްދުﷲ ސަމީއު ޚަލީލް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން މިމެޗުގައި ބިލެއް ޓައިޓެންސްގެ ހުސެއިން ރަޝީދު އަދި ޝައިހާން އަލީ ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާލު އެސްސީގެ އަބްދުﷲ ސަމީއު ޚަލީލް އެވެ.
11 ސެޕްޓެމްބަރު 2026 އިން 18 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ނޮޅިވަރަމްގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ސެމީފައިނަލަށް ހޮވޭއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 އަދި ރަނަރަޕް ޓީމަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ








