








އޮލީސޭ ބޯޑޯ ގްލިމްޓް އާއި ދެކޮޅަށް ކުޅެނީ...
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ނޯވޭގެ ބޯޑޯ ގްލިމްޓް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބަޔާން މިޔުނިކުން ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މިޔުނިކްގެ އެލިއާންޒް އެރީނާގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ ބަޔާން މިޔުނިކުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ބޯޑޯގެ ޑިފެންސް ފޫއަޅުވާލުމުގައި ބަޔާންއަށް ވަނީ ކާމިޔާބު ހޯދޭ ގޮތް ނުވެފައެވެ.
މެޗުގެ ދެވަނަ ހާފުގައި ބަޔާން މިޔުނިކުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މެޗުގެ 47 ވަނަ މިނެޓުގައި ޖަމާލް މުސިއާލާ ވަނީ ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމަށް ލީޑު ހޯދައިދީފަ އެވެ. އަދި މިއީ އެކުލަބުން ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި 900 ވަނަ ލަނޑެވެ.
ބަޔާން މިޔުނިކުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް ހެރީ ކޭން އެވެ. އަދި މިއީ ޗެމްޕިއަންސް ލީގުގައި ހެރީ ކޭން ޖެހިޖެހިގެން ލަނޑުޖެހި އަށްވަނަ މެޗެވެ.
މިމެޗުގައި ބަޔާންގެ ތިންވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ޑިފެންޑަރު އަލްފަންސޯ ޑޭވިސް ކާމިޔާބުކުރިއިރު، ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މައިކަލް އޮލިސޭ އެވެ.
މީގެ އިތުރުން ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި ބޯޑޯގެ ޑިފެންޑަރު އޮޑިން ލުރަސްއަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުގައެވެ.
ޗެމްޕިއަންސް ލީގުގައި ބަޔާން މިޔުނިކަށް ކުރިއަށް އޮތީ އޮކްޓޯބަރު 14 ވަނަ ދުވަހު ރަށުން ބޭރުގައި ނޯވޭގެ ވިކިންގް އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި އޮކްޓޯބަރު 15 ވަނަ ދުވަހުގެ ރޭ ބޯޑޯ އިން އަމިއްލަ ދަނޑުގައި ނުކުންނާނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާއި ދެކޮޅަށެވެ.








