







ވިންސިއާ އެސްސީ އާއި ކޮންކުއިސްޓާ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް
ތ.ގުރައިދޫގައި މިހާރު ކުރިއަށްދާ އެމްޕީ ކަޕް 2026 ސެމީފައިނަލުގެ ދެވަނަ މެޗުގައި މިރޭ ކޮންކުއިސްޓާ އެސްސީ 3-1 ގެ ނަތީޖާއަކުން ބަލިކޮށް ވިންސިއާ އެސްސީ އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުން ވިންސިއާ ޖާގަ ހޯދީ ލީގުބުރުގައި ކުޅުނު ހަ މެޗުން ހޯދި 10 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ކޮންކުއިސްޓާ އެސްސީ ސެމީފައިނަލުން ޖާގަ ހޯދީ ލީގުބުރުގައި ކުޅުނު ހަ މެޗުން ހޯދި 10 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު ލީގުބުރުގައި ވާދަކުރި މެޗު 4-5 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކޮންކުއިސްޓާ އިންނެވެ .
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށްކުޅެ ވިންސިއާ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް އަސްވަދު އެވެ. އަދި އޭގެ ދެމިނެޓް ފަހުން މުހައްމަދު އައްޒާމު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ ދެވަނަ ހާފު ކޮންކުއިސްޓާ އިން ވަރުގަދަކޮށް ފެށިއިރު، މެޗުގެ 24 ވަނަ މިނެޓުގައި މުހައްމަދު ވިލްފް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން އެޓީމުގެ ޝަނާން ރަޝާދު އަތުން ބައިކޮޅަށް ވަން ލަނޑާއެކު ވިންސިއާ އިން ވަނީ އަލުން ދެލަނޑުގެ ލީޑެއް ހޯދާފައެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-1 ގެ ނަތީޖާއަކުން ވިންސިއާ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިންސިއާގެ ގޯލްކީޕަރު ހުސެއިން ޝާތިރު އާދަމް އެވެ.
04 ސެޕްޓެމްބަރު 2026 އިން 12 ސެޕްޓެމްބަރު 2026 ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރިއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކޮށްފައި ވަނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ.
މާދަމާ ރޭ ކުޅޭ މުބާރާތުގެ ފައިނަލުގައި ވިންސިއާ އިން ނުކުންނާނީ އާރުޑީއެލް އެސްސީ އާއި ދެކޮޅަށެވެ. އަދި މިދެޓީމު ލީގުބުރުގައި ވާދަކުރި މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މަޅި އިވެންޓްގެ ފަރާތުން އިތިޒާމުކޮށް ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.








