


.jpg?w=3840&q=75)



.jpeg?w=3840&q=75)

ދުޅަހެޔޮ، ހަރަކާތްތެރި މުޖުތަމަޢެއް ބިނާކުރުމަކީ ކޮންމެ ސަރުކާރެއްގެވެސް އެންމެ ބޮޑު އެއް އަމާޒެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި ކުޅިވަރާއި ހަށިހެޔޮކަން ކުރިއެރުވުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމާއި، އެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަކީ މުހިންމު ކަމެކެވެ. ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު މިރޭގެ އަހާ ފޯރަމްގައި ހިއްސާކުރެއްވި ވާހަކަތަކުން، މިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން ދެއްވާ ސަމާލުކަން ހާމަވެގެންދިޔައެވެ.
ރަށްރަށުގައި ސަރުކާރުން ޤާއިމްކޮށްފައިވާ ކުޅިވަރު ވަސީލަތްތައް ނުބެލެހެއްޓި، ހަލާކުވަމުންދާތީ އާންމުންގެ ފަރާތުން ކަންބޮޑުވުން ފާޅުކުރުމުން، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ، އެ ވަސީލަތްތައް ދެމެހެއްޓެނިވިގޮތެއްގައި ބަލަހައްޓައި މަރާމާތުކުރުމަށްޓަކައި ބަޖެޓެއް އެކުލަވާލާ އެކަމަށް ޚާއްސަ ޕްލޭނެއް ރޭވިފައިވާ ކަމަށެވެ. މީގެ ކުރިން އޮނިގަނޑު ރޭވިފައި އޮތް ގޮތުގެ ސަބަބުން ބައެއް ފެސިލިޓީސްތައް ހުންނަނީ ރަށުގެ ކައުންސިލްގެ ދަށުގައިކަމަށްވާއިރު، އަނެއްބައި ފެސިލިޓީސްތައް ހުންނަނީ ވުޒާރާގެ ބެލުމުގެ ދަށުގައެވެ. މިހާތަނަށް ވަށާޖެހޭ އުސޫލެއްގެ ދަށުން މިކަންކަން ބަލަހައްޓާނެ ނިޒާމެއް ޤާއިމްވެފައިނެތުމުގެ ސަބަބުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އެތައް ވަސީލަތެއް ހަލާކުވެ، މަރާމާތުގެ ބަދަލުގައި ބަދަލުކުރަންޖެހޭ ހާލަތަށް ގޮސްފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ރާއްޖޭގައި ޤާއިމްކުރަމުންދާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގައި އެކަމަށް ޚާއްސަކޮށް މުވައްޒަފުން ބޭތިއްބުމަށް ރާވާފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އެ މުވައްޒަފުން މެދުވެރިކޮށް، ޤަވާއިދުން ކުޅިވަރު ވަސީލަތްތައް ބަލަހައްޓާ މަރާމާތުކުރުމުގެ ކަންކަން ކުރިއަށްދާނެއެވެ. މީގެ އިތުރުން ކޮންމެ ސެންޓަރަކަށް މެއިންޓަނަންސް ބަޖެޓެއް ހަމަޖައްސައި، ވަށާޖެހޭ އުސޫލެއްގެ ދަށުން ކަންކަން ހަމަޖެހިގެންދާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ހުޅުމާލެ ފޭސް އެކެއްގައި ހަދާފައިވާ ސިންތެޓިކް ޓްރެކް ހަލާކުވެފައިވާ ކަމަށާއި، އެހެންވެ، ބައިނަލްއަގްވާމީ ސްޓޭންޑަޑްގެ އައު ސިންތެޓިކް ޓްރެކެއް އެޅުމުގެ މަސައްކަތް އަންނަ މަހު ފަށަން ނިންމައިފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މިހާރު ހުރި ޓްރެކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅިގެންދިޔަ ޓްރެކެކެވެ. ނަމަވެސް، އެ ޓްރެކްގެ ސިންތެޓިކް ހަލާކުވެ، އެތުލީޓުންނަށް އޭގެ ސަބަބުން ގެއްލުންތަކެއް ވަމުންދާކަން ވަޒީރަށް ފާހަގަކުރެވިފައިވެއެވެ. މިހާރު ހުރި ޓްރެކަކީ ބައިނަލްއަގްވާމީ ސްޓޭންޑަޑްތަކަށް ހެދިފައިވާ ޓްރެކެއް ނޫންކަމުން، އެތުލީޓުން ރެކޯޑެއް ހެދިކަމުގައިވިޔަސް، ވޯލްޑް އެތުލެޓިކްސްގެ އުސޫލު އޮންނަ ގޮތުން ރެކޯޑްތައް ގުނަނީ ހަމައެކަނި ވޯލްޑް އެތުލެޓިކްސް އެސޯސިއޭޝަން ގަބޫލުކުރާ ފެންވަރުގެ ޓްރެކްތަކުގައި ހަދާ ރެކޯޑްތަކެވެ.
އެހެންކަމުން، ދެން ޤާއިމްކުރާ ޓްރެކް ވެގެންދާނީ ވޯލްޑް އެތުލެޓިކްސްއިން ގަބޫލުކުރާ ފެންވަރުގެ ޓްރެކަކަށް ކަމަށާއި، މުޅި މެޓީރިއަލް ބަދަލުކޮށް އަލުން ޓްރެކް އެޅުމުގެ މަސައްކަތް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލީ ގޮތުން ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަންނަ ޖަނަވަރީ މަހަށް މަސައްކަތް ނިންމާނެކަމަށް ލަފާކުރެވޭކަން ވެސް ފާހަގަކުރެއްވިއެވެ. ހުޅުމާލެ ޓްރެކްގެ އިތުރުން މާލެ ސިންތެޓިކް ޓްރެކް ވެސް އިންޓަނޭޝަނަލް ސްޓޭންޑަޑަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ހާމަކުރެއްވިއެވެ.
މީގެ އިތުރުން، ހުޅުމާލޭގައި މިހާރު ހެދިފައިވާ ބެޑްމިންޓަން ކޯޓުގައި ޖާގައިގެ ދަތިތަކެއް ހުރުމާއެކު، ހުޅުމާލެ މިނީ ހޯލުގައި ބެޑްމިންޓަން ހޯލެއް ތަރައްގީކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުން އަޅާ މަލްޓިޕާޕަސް އިންޑޯ ކޯޓުތަކުގެ މަސައްކަތް ނިމުނީމަ، އިންޑޯ ކުޅިވަރުތަކަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެއެވެ. އެހެންނަމަވެސް ވަކިން ބެޑްމިންޓަން ހޯލެއް އެޅުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ފާހަގަކުރައްވައި، މިނީ ކޮމްޕްލެކްސްގެ ޖާގައެއްގައި އެ މަސައްކަތް ކުރިއަށްދާކަން ވެސް ވަޒީރު ވިދާޅުވިއެވެ. މިހާރުވެސް ހުޅުމާލެ ބެޑްމިންޓަން ކޯޓަށް ދިމާވާ މެއިންޓަނެންސް މައްސަލަތައް އެޗްޑީސީއާ ގުޅިގެން ހައްލުކުރަމުން އަންނަ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ. މި އަމާޒަށް ވާސިލްވުމަށް ގިނަ ކުޅިވަރު ކުޅޭނެ ވަސީލަތްތަކެއް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. ރާއްޖޭގެ އާބާދީއަކީ ގައިންގަޔަށް ނާރާ ބަލިތަކާ ދުރު ދުޅަހެޔޮ އާބާދީއަކަށް ހެދުމަށްޓަކައި ސަރުކާރުން ފަށާފައިވާ ޤައުމީ ހަރަކާތުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމްއަކާއި ފިޓްނެސް ސެންޓަރެއް ބިނާކުރުމުގެ ބިޔަ މަޝްރޫޢެއް ސަރުކާރުންވަނީ ފައްޓަވާފައެވެ. މި ވަސީލަތްތަކުގެ ބޭނުން ދެމެހެއްޓެނިވިގޮތެއްގައި އާންމުންނަށް ހިފޭނެގޮތަކަށް ކަންކަން ބައްޓަންކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ.
އެހެންކަމުން، ކުޅިވަރު ވަސީލަތްތައް ހަރުދަނާ އުސޫލެއްގެ ދަށުން ބަލަހައްޓައި، މަރާމާތުކޮށް، ބައިނަލްއަޤްވާމީ ފެންވަރަށް އެ މަގާމުތައް ތަރައްޤީކުރުމަކީ ދުޅަހެޔޮ އަދި ހަރަކާތްތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އަޅާ މުހިންމު ފިޔަވަޅުތަކެކެވެ. މިކަންކަން ހާސިލްވުމުން ދިވެހި ރައްޔިތުންނަށް ކުޅިވަރުގެ ތެރެއިން ސިއްހަތާއި ހަށިހެޔޮކަން އިތުރުކުރުމަށް ފުޅާ ދޮރުތަކެއް ހުޅުވޭނެކަން ކަށަވަރެވެ.



.jpg?w=3840&q=75)
