







އާރުޑީއެލް އެސްސީ އާއި ޔުނައިޓެޑް އާރުޑީއެލް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
ތ.ގުރައިދޫގައި މިހާރު ކުރިއަށްދާ އެމްޕީ ކަޕް 2026 ގައި މިރޭ ކުޅުނު ސެމީފައިނަލު ފުރަތަމަ މެޗުގައި ޔުނައިޓެޑް އާރުޑީއެލް 5-3 ގެ ނަތީޖާއަކުން ބަލިކޮށް އާރުޑީއެލް އެސްސީ އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުން އާރުޑީއެލް އެސްސީ ޖާގަ ހޯދީ ލީގުބުރުގައި ކުޅުނު ހަ މެޗުން ހޯދި 13 ޕޮއިންޓާއެކު ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ޔުނައިޓެޑް އާރުޑީއެލް ސެމީފައިނަލުން ޖާގަ ހޯދީ ލިގުބުރުގައި ކުޅުނު ހަ މެޗުން ހޯދި 10 ޕޮއިންޓާއެކު ލީގުބުރުގެ ހަތަރުވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު ލީގުބުރުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޔުނައިޓެޑް އާރުޑީއެލް އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އާރުޑީއެލް އެސްސީ އެން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އާރުޑީއެލް އެސްސީ ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފުގައި ޔުނައިޓެޑް އާރުޑީއެލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި ޔުނައިޓެޑް އާރުޑީއެލް އިން ތިން ލަނޑު ކާމިޔާބުކުރުއިރު، މިހާފުގައި އާރުޑީއެލް އެސްސީއަށް ކާމިޔާބުކުރެވުނީ ދެލަނޑެވެ.
އެގޮތުން މިމެޗުގައި އާރުޑީއެލް އެސްސީގެ ހުސެއިން ޝަރީފް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ މުހައްމަދު ޝުއައިބް، މުހައްމަދު އަފްއާން އާދަމް އަދި އަލީ ސިމާހް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ޔުނައިޓެޑް އާރުޑީއެލްގެ އަލީ އަޒުމީން، އަހުމަދު ހިޝާމް އަދި ކެޕްޓަން ޒައްޔާން އަލީ މިއިން ކޮންމެ ކުޅުންތެރިއަކު މިމެޗުގައި އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާރުޑީއެލްގެ ހުސެއިން ޝަރީފް (އޮންލީ) އެވެ.
04 ސެޕްޓެމްބަރު 2026 އިން 12 ސެޕްޓެމްބަރު 2026 ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރިއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ.
މަޅި އިވެންޓްގެ ފަރާތުން އިތިޒާމުކޮށް ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ








