





ބްރިޖް އިންސްޕެކްޓް ކުރުމުގެ މަސައްކަތުގެ ތެރެއިން- ފޮޓޯ: މިނިސްޓަރު މުއްތޮލިބު
ސިނަމާލެ ބުރިޖުގެ ތަނބަކަށް ތެޔޮ ބޯޓެއް ރޭގައި އުރުނު ހާދިސާގައި ބްރިޖްގެ ސްޓްރަކްޗުރަލް އަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމާއި، ހަމައެކަނި ކޫރުންތަކެއް އެޅިފައި ހުރިކަމަށް ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބްރިޖް އިމާރާތްކުރި ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ (އެސްއެޗްއީސީ) ގެ އިންޖިނިއަރުން ރޭ އާއި މިއަދުވެސް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ.
އެގޮތުން ބްރިޖްގައި ހުރި ކޫރުންތައް ބަލައި، ޗައިނާގެ ހިލޭ އެހީގެ ދަށުން އެސްއެޗްއީސީއާއެކު ވެފައިވާ މޮނިޓަރިން އާއި އިސްޕެކްޝަން އަދި މެއިންޓެނަންސް އިންތިޒާމުގެ ދަށުން، އެކަށީގެންވާ މިންގަނޑުތަކަށް ފެތޭ ގޮތަށް އެ ކުންފުނިން މަރާމާތުތައް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި ހާދިސާގައި ދެ ބުރިޖަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަދި އިތުރު މުހިންމު ވަސީލަތްތަކަށް ބޮޑު ގެއްލުމެއް ލިބުނުކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ މުޅި މާލޭގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށްފާނެ ފަދަ ކާރިސާއެއް. އެހެންކަމުން، މިފަދަ ކަންކަމަށް ފިޔަވަޅު އަޅަންޖެހެނީ ކަމެއް ހިނގުމުގެ ފަހުންނެއް ނޫން. ކަމެއް ހިނގުމުގެ ކުރިން،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން ވަނީ މިކަހަލަ ހާލަތްތަކަށް ވިސްނައި ތައްޔާރުވުމުގެ ގާބިލުކަން އިތުރުކުރުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އަދި މިގޮތަށް ކޮންޓްރޯލުން ނައްޓައިގެންދާ ނުވަތަ ހަލާކުވެގެން އޮޔާދާ އުޅަނދުފަހަރު ބުރިޖާ ހަމައަށް ފޯރުމުގެ ކުރިން ހިފަހައްޓައި، ކަންކަން ކޮންޓްރޯލް ކުރެވޭނެ ކަހަލަ ބާރުގަދަ ދެ ޓަގު ބޯޓު ހޯދުމުގެ މަސައްކަތް އެމްޕީއެލް އިން މިހާރު ވެސް ކުރަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރި އެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް 2 މަސްދުވަސް ތެރޭގައި އެ ޓަގު ބޯޓުތައް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ބަނދަރުތަކުގައި އުޅަނދުފަހަރު އަޅާފައި ބެހެއްޓުމުގެ އިންތިޒާމުތައް އިތުރަށް މުރާޖާއާކޮށް، ކޯސްޓްގާޑާއި އެހެނިހެން ކަމާބެހޭ އިދާރާތަކާ އެކު ކުއްލި ހާލަތްތަކުގައި މުއާމަލާތުކުރުމާއި ފިޔަވަޅު އަޅާނެ ސާފު އުސޫލުތަކެއް އެކުލަވާލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.



