

.jpeg?w=3840&q=75)




.jpeg?w=3840&q=75)

-
މި އަހަރުގެ އޮގަސްޓް 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.61 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.
މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 25.00 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެކެވެ.
ދައުލަތުގެ އާމްދަނީ އިތުރުވުމަށް އެންމެ ބޮޑު ބާރަކަށްވީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ) އެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 7.39 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 512.1 މިލިއަން ރުފިޔާ (7.4 އިންސައްތަ) ގެ އިތުރުވުމެކެވެ.
މީގެއިތުރުން ވިޔަފާރިއާއި މުދަލުން ނަގާ ޓެކުހުގެ އާމްދަނީ 20.5 އިންސައްތަ އިތުރުވެ 5.55 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ތެރޭގައި ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު 2.86 ބިލިއަން ރުފިޔާއާއި، ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގް ޓެކްސްގެ ގޮތުގައި ލިބުނު 924.5 މިލިއަން ރުފިޔާ އަދި ވިޔަފާރިއާއި މުދަލުގެ އެހެނިހެން ޓެކުހުން ލިބުނު 1.39 ބިލިއަން ރުފިޔާ ހިމެނެއެވެ.
ފިނޭންސްގެ ރިޕޯޓުގައިވާ ގޮތުން ޖުމްލަ ޓެކްސް އާމްދަނީ 12.1 އިންސައްތައިގެ ކުރިއެރުމަކާއެކު 21.48 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާންމު ޖީއެސްޓީގެ ގޮތުގައި 3.53 ބިލިއަން ރުފިޔާ، އިމްޕޯޓް ޑިއުޓީން 2.19 ބިލިއަން ރުފިޔާ އަދި ގްރީން ޓެކުހުގެ ގޮތުގައި 1.40 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.27 ބިލިއަން ރުފިޔާ، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 1.24 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 105.7 އިންސައްތަ އިތުރުވެ 455.7 މިލިއަން ރުފިޔާއަށް އަރާފައެވެ.


.jpeg?w=3840&q=75)





