

.jpeg?w=3840&q=75)






ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު އަންނަ މަހު ހަމަވާނެކަމަށްމޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ބުނެފިއެވެ.
އެމްއެމްބީސީން މިހެން ބުނީ އެކަން ހަނދަންކޮށްދިނުމަށް މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނީ ނޫސް މަޖައްލާފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލި އާ ގަވާއިދަށް އަމަލުކުރަން ފަށާފައިވާއިރު، ރާއްޖޭގައި މިހާރު ހިންގަމުންދާ ހުރިހާ ނޫސް މަޖައްލާތަކެއް ހަމަސް މަސްދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީކޮށް މައުލޫމާތު އަދާހަމަކުރަން ޖެހޭނެ ކަމަށެވެ.
އެ މުއްދަތު އަންނަ އޮކްޓޯބަރު 27 އަށް ހަމަވާނެ ކަމަށާއި ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ހުރިހާ މީޑިއާތަކުން ވެސް ރީ-ރަޖިސްޓްރީވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އަލަށް އަމަލުކުރަން ފެށި ގަވާއިދުގައި ނޫސް މަޖައްލާތައް ހަތަރު ބަޔަކަށް ގިންތިކޮށްފައިވާއިރު، އެއީ ނޫސް، މަޖައްލާ، ނިއުސް ލެޓާ އަދި ޖާނަލްއެވެ. އެ ބާވަތްތައް ޕްރިންޓްކޮށްގެންނާއި، ވެބްސައިޓް، ސޯޝަލް މީޑިއާ، މޯބައިލް އެޕްލިކޭޝަން އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ހިންގުމުގެ ފުރުސަތު ގަވާއިދުގެ ދަށުން ވަނީ ލިބިދީފައެވެ.
މީގެއިތުރުން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ނޫސް މަޖައްލާ ހިންގުމުގެ ހުއްދަ ލިބުނު ނަމަވެސް، ކުންފުނިތަކުގެ އެތެރޭގެ މައުލޫމާތު ހިއްސާކުރުމަށް މުވައްޒަފުންނަށް ހާއްސަކޮށްގެން ނެރޭ ލިޔުންތައް ގަވާއިދުން ވަނީ އިސްތިސްނާކޮށްފައެވެ.
ގަވާއިދުގެ ދަށުން ނޫސް މަޖައްލާއަކަށް ދޫކުރާ ރަޖިސްޓްރީގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. އަދި މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން ރަޖިސްޓްރީ އާކުރަން ހުށަހަޅަންޖެހޭއިރު، އެއްވެސް އެއްޗެއް ޝާއިއުނުކޮށް އެއް އަހަރު ވެއްޖެ ނަމަ، އެ ނޫސް މަޖައްލާއެއްގެ ރަޖިސްޓްރީ އުވިގެންދާނެއެވެ.
މީގެކުރިން ސަރުކާރުގެ އެކި މިނިސްޓްރީތަކުން ބަލަހައްޓަމުން އައި ނޫސް މަޖައްލާތައް ރަޖިސްޓްރީކުރުމާއި ދަފްތަރު ބެލެހެއްޓުމުގެ މަސައްކަތް އެމްއެމްބީސީއަށް ބަދަލުވީ އެ ކޮމިޝަންގެ ގާނޫނު ވުޖޫދުވުމާ ގުޅިގެންނެވެ.


.jpeg?w=3840&q=75)





