








މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީއާއި ބައްދަލުކުރައްވައިފިއެވެ.
ސަޢޫދީ އެމްބަސީގައި ބޭއްވި މި ބައްދަލުވުމުގައި ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަންގެ ރައީސް މުޙައްމަދު ފަރުޞަތު، ނާއިބު ރައީސް ޒަމްޢަތު އަޙްމަދު ވަހީދު، މެންބަރު އަލްއުސްތާޛާ އާމިނަތު ޞަރާހަތު ޢިއްޒަތު، މެންބަރު ޢަބްދުލް ޢަޒީޒް އިބްރާހީމް، މެންބަރު ސިމާޙާ ނަސީމް، ސެކްރެޓަރީ ޖެނެރަލް ޙަމްދީ ޢަޤީލްގެ އިތުރުން އެސިސްޓެންޓް ޑިރެކްޓަރ އަސްމާ ޙަސަންއެވެ. ސަޢޫދީ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޔަހްޔާ ޙަސަން އަލްޤަޙްޠާނީ އެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މީޑިއާގެ ފަރާތްތަކަށް ތަމްރީނާއި ތަޖުރިބާގެ ފުރުޞަތު ހޯދައިދިނުމާގުޅޭ ގޮތުންނެވެ .ސަޢޫދީ ސަފީރުގެ ވާހަކަފުޅުގައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ސަޢޫދީގެ މީޑިއާ ރެގިއުލޭޓަރީ އިދާރާތަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މަސައްކަތްކޮށްދެއްވާނެކަމަށާއި ޙައްޖާ އުމްރާގެ ފުރުޞަތުތަކާ ގުޅޭ ގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
ރާއްޖޭގެ މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ތަފާތު ދާއިރާތަކުން ތަމްރީނާއި ތަޖުރިބާގެ ފުރުޞަތުތައް ހޯދައިދިނުމުގެ މަޤްޞަދުގައި، މި ކޮމިޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުންތަކުގައި މިހާތަނަށް މިފަދަ ތިން ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.
މިފަދަ އިތުރު ބައްދަލުވުންތައް އެކި އިދާރާތަކާއެކީ ކުރިއަށް ގެންދިއުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.








