








ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - ފޮޓޯ: ރައީސް އޮފީސް
ރިސޯޓުތަކުގެ އާމްދަނީން 40 ޕަސެންޓް މާރުކުރުމުގެ މައްސަލައިގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) މަޝްވަރާނުކުރާ ކަމަށް ބުނެ ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން މިހެން ބުނީ ދައުރު ނޫހުގައި މިއަދު އަހުމަދު ނާއިފް ލިޔެފައިވާ "ބުހުތާނު ދޮގެއް: އާމްދަނީގެ %40 މާރުކުރުވަނީ ޓޫރިޒަމާ މަޝްވަރާކޮށްފައި ކަމަށް ބުނުން" ސުރުހީގެ ހަބަރުގައި އެވާ ވާހަކަތަކަކީ އަދި ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން، މުޙައްމަދު ޙުސައިން ޝަރީފްއާމެދު ކުރައްވާފައި އެއޮތް ތުހުމަތަކީ ހަޤީޤަތާއި ޚިލާފު ތުހުމަތެއް ކަމަށެވެ.
ރައީސް އޮފީހުން ބުނީ އެ ޚަބަރުގައި ކޮށްފައިވާ ތުހުމަތަކީ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން އިއްޔެ މީޑިއާއި ކުރި މުޢާމަލާތުގައި ދެއްކި ވާހަކައިގެ ތެރެއިން، ރިސޯޓްތަކުގެ އާމްދަނީގެ %40 ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރީ، ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކާ މަޝްވަރާކޮށް ދިރާސާކޮށްފައި ކަމަށް ބުނި ބުނުމަކީ ދޮގެއް ކަމަށާއި އަދި "ސަރުކާރުގެ ނިންމުމަކީ ސަޕްރައިޒެއް" ކަމަށެވެ.
ބޭރު ފައިސާއާއި ބެހޭ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 31 ވަނަ ދުވަހު ތަސްދީގުކުރެއްވުމާއެކު، ގާނޫނުގައި ކަނޑައަޅާފައިވާ ކެޓެގަރީ އޭ، ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ ގްރޮސް ސޭލްސްގެ 40 އިންސައްތަ މާރުކުރަންޖެހޭއިރު، މީގެ ކުރިން އޮތް ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އޮޕްޝަން ވަނީ އުނިކޮށްފަ އެވެ. އަދި ކެޓެގަރީ ބީ، އެސްޓެބްލިޝްމަންޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ގްރޮސް ސޭލްސްގެ 20 އިންސައްތަ މާރުކުރަންވާނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ގާނޫނަށް އައި މި ބަދަލާއި އަދި ޖުމްލަ ގޮތެއްގައި މާލިއްޔަތާ ގުޅޭގޮތުން މި ގެނުވުނު އިސްލާހުތައް މަޓީ އާއެކު އެއްފަހަރަށްވުރެ ގިނަފަހަރު މަޝްވަރާކޮށްފައިވާއިރު، މަޓީގެ އެކި ވެރިންނާއި ވަކިވަކިންވެސް މަޝްވަރާކުރެވިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިގޮތުން މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު އެންމެ ފަހު ބައްދަލުވުމަށް މަޓީ އަށް ދައުވަތުދެއްވައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސަރުކާރުގެ އިސްވެރިން، މަޓީގެ ވެރިންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ފާހަގަކުރި އެވެ.
"މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާނާއި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، ޙަސަން ޒަރީރާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދާއި ބަންޑާރަނައިބު، އަލްއުސްތާޛު އަޙްމަދު އުޝާމާއި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު، އަޙްމަދު މުނައްވަރު ބައިވެރިވެވަޑައިގެންނެވި" ރައީސް އޮފީހުން ފާހަގަކުރި އެވެ.
މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި މަޓީން 6 ބޭފުޅުން ބައިވެރިވަޑައިގެންނެވިއިރު، އެއީ މަޓީގެ އެންމެ އިސްބޭފުޅުންގެ ގޮތުގައި މަޓީގެ ވައިސް ޗެއަރމަނާއި ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްކަންވެސް ރައީސް އޮފީހުން ފާހަގަކުރި އެވެ. އަދި މިދިޔަ މަހުގެ 24 ވަނަ ދުވަހުގައި މަޓީން ނެރުނު ޕްރެސް ރިލީޒުންވެސް މި މަޝްވަރާ ބައްދަލުކުރެއްވުމުގައި މަޓީގެ އިސްބޭފުޅުން ބައިވެރިވެފައިވާކަންވެސް ހާމަވެގެންދާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ހުރިހާ ކަމަކަށް އަލިއަޅުއްވާލައި ރައީސް އޮފީހުން ބުނީ މިއީ މަޓީއާއި މަޝްވަރާނުކޮށްކަމަށް، ވިދާޅުވުމަކީ ހަޤީޤަތާއި ޚިލާފު ވާހަކައެއް ކަމަށެވެ. މަޓީއަށް އެކަން ކުއްލި ހައިރާން ކަމަކަށްވީކަމަށް ބުނާ ބުނުމަކީވެސް ހަޤީޤަތާއި ޚިލާފަށް ބުނާ ބުނުމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެހެންކަމުން، ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން ހެއްދެވީ "ބުހުތާނު ދޮގެއް" ކަމަށް ވިދާޅުވެފައިވަނީ ހަޤީޤަތާއި ޚިލާފަށް ކަމުގައި ރައީސް އޮފީހުން ބުންޏެވެ.








