








ޔުނައިޓެޑް އާރުޑީއެލް އާއި އާރުޑީއެލް އެސްސީ ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: ގާފު ސްޕޯޓްސް
ތ.ގުރައިދޫގައި މިހާރު ކުރިއަށްދާ އެމްޕީ ކަޕް 2026 ގައި މިރޭ ކުޅުނު ދެވަނަ މެޗުގައި އާރުޑީއެލް އެސްސީ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ޔުނައިޓެޑް އާރްޑީއެލް އިން ކާމިޔާބުކޮށްފި އެވެ.
މުބާރާތުގައި ޔުނައިޓެޑް އާރުޑީއެލް ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑް ކޮންކުއިސްޓާ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ 5-1 ގެ ނަތީޖާއަކުން މަސްނަނު ބަލިކޮށްފައެވެ. އަދި އާރުޑީއެލް ސްޕޯޓްސް ކުލަބު ފުރަތަމަ މެޗުގަައި ކޮންކުއިސްޓާ އަތުން 3-2 ގެ ނަތީޖާއަކުން މޮޅިއިރު، ދެވަނަ މެޗުގައި ވިންސިއާ އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޔުނައިޓެޑް އާރުޑީއެލްއަށް ކާމިޔާބުކޮށްދިނީ އިސްމާއިލް ވަޖީހު (ވައްޖެ) އެވެ.
މިއީ އެޓީމުގެ މުހައްމަދު ނާބިތު ނިޔާޒު މުޅިން ހުސްކޮށްލާފައި ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށްހުރެ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ
މިނަތީޖާއެކު މުބާރާތުގައި ޔުނައިޓެޑް އާރުޑީއެލް ކުޅުނު ތިން މެޗުން އެޓީމަށް ހަ ޕޮއިންޓް ލިބިފައިވާއިރު. މިމެޗުން ބަލިވި އާރުޑީއެލް ސްޕޯޓްސް ކުލަބަށް ލީގުބުރުގައި ކުޅުނު ތިން މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ.
04 ސެޕްޓެމްބަރު 2026 އިން 13 ސެޕްޓެމްބަރު 2026 މިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ.
މަޅި އިވެންޓްގެ ފަރާތުން އިތިޒާމުކޮށް ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ








