








ވިންސިއާ އެސްސީގެ ކުޅުންތެރިން ތީ ލައިވް އެސްސީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...ފޮޓޯ:ގާފު ސްޕޯޓްސް
ތ.ގުރައިދޫގައި މިހާރު ކުރިއަށްދާ އެމްޕީ ކަޕް 2026 ގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 6-3 ގެ ނަތީޖާއަކުން ތީ ލައިވް އެސްސީ ބަލިކޮށް ވިންސިއާ އެސްސީ އިން ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މުބާރާތުގައި ވިންސިއާ ސްޕޯޓްސް ކުލަބު އެންމެ ފަހުން ކުޅުނު މެޗުގައި އާރުޑީއެލް ސްޕޯޓްސް ކުލަބާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ތީ ލައިވް ސްޕޯޓްސް ކުލަބުގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ 6-3 ގެ ނަތީޖާއަކުން ކޮންކުއިސްޓާ ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ވިންސިއާ ސްޕޯޓްސް ކުލަބުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު 3-1 ގެ ނަތީޖާއަކުން ވިންސިއާ ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ވިންސިއާ އިން އިތުރު ތިން ލަނޑު ކާމިޔާބުކުރިއިރު، ތީ ލައިވް އެސްސީ އިން ވެސް ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ވިންސިއާ ސްޕޯޓްސް ކުލަބުގެ އަލީ ހާފިޒް (ހާއްޕެ) އަދި މުހައްމަދު އައްޒާމް މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ކެޕްޓަން މުހައްމަދު އަރީފް އަދި އިބްރާހިމް އަސްވަދު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ތީ ލައިވް ސްޕޯޓްސް ކުލަބުގެ ކެޕްޓަން އަހުމަދު އިރުޝާން، މުހައްމަދު ސުހައިލް އަދި އަހުމަދު ހަމީދު މިއިން ކޮންމެ ކުޅުންތެރިއަކު މިމެޗުގައި އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިންސިއާ ސްޕޯޓްސް ކުލަބުގެ އަލީ ހާފިޒް (ހާއްޕެ) އެވެ.
މިނަތީޖާއެކު މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވިންސިއާ ސްޕޯޓްސް ކުލަބަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ތީ ލައިވް ސްޕޯޓްސް ކުލަބަށް ދެމެޗުން ވަނީ ތިން ޕޮއިންޓް ލިބިފައިއެވެ.
04 ސެޕްޓެމްބަރު 2026 އިން 13 ސެޕްޓެމްބަރު 2026 މިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ.
މަޅި އިވެންޓްގެ ފަރާތުން އިތިޒާމުކޮށް ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.








