








ބާސެލޯނާގެ ކުޅުންތެރިން ވެލެންސިއާ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
ސްޕެނިޝް ލަލީގާގައި މިރޭ ރަށުން ބޭރުގައި ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން ބަލިކޮށް ތާވަލުގެ ކުރީގައި ބާސެލޯނާ އިން ތިން ޕޮއިންޓްގެ ލީޑެ ނަގައިފިއެވެ.
ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ރަޔޯ ވަޔޮކާނޯ އަތުން 5-2 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ވެލެންސިއާ އެންމެ ފަހުން ކުޅުނު މެޗުގައި ޑިޕޯޓިއޯ ލަކަރޫނިއާ އަތުން 3-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ބާސެލޯނާ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ތިންލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ބާސެލޯނާގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ދެލަނޑު ކާމިޔާބުކުރިއިރު، ޕެޑްރީ، ފާމިން ލޮޕޭޒް އަދި ރަފީނިއާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބާސެލޯނާގެ ޒުވާން މިޑްފިލްޑަރު ފާމިން ލޮޕޭޒް އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތްއިރު، މިހަތަރު މެޗުގައި އެޓީމުން ޖުމްލަ 17 ލަނޑުޖެހިއިރު، ބައިކޮޅަށް ވަދެފައިވަނީ އެންމެ ދެލަނޑެވެ.
ލީގުގައި ބަސެލޯނާ މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗެއްގައި، އެޓީމުން ފަސް ލަނޑު ކާމިޔާބުކޮށްފައިވާއިރު، މިހަތަރު މެޗުގައި އެޓީމުގެ ކެޕްޓަން ރަފީނިއާ ވަނީ ޖުމްލަ ހަ ލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިރޭގެ މެޗުން ބަލިވި ވެލެންސިއާ އިން ލީގުގައި ކުޅުނު ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.








