








ފަހުވަގުތު ޔުނައިޓެޑް ކޮޅަށް ލަނޑުޖެހުމަށްފަހު އެވަޓަންގެ ކުޅުންތެރިން އުފާފާޅުކުރަނީ..
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް އެވަޓަން އިން ކުޅުނު މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓު ކާމިޔާބުކުރި ލަނޑާއެކު އެވަޓަން އިން ޔުނައިޓެޑް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.
ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި އިޕްސްވިޗް އަތުން 5-2 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި އެވަޓަން އިން އެންމެ ފަހުން ބޯންމައުތާއި ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
ލިވަޕޫލްގެ ހިލްޑިކިންސަން ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ޔުނައިޓެޑުންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު މެންޗެސްޓާ ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ފޯވާޑް ބްރަޔަން އެމްބިއުމޯ އެވެ.
އެވަޓަން އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ޓްރީކް ޖޯޖް އެވެ. ނަމަވެސް އޭގެ ފަސް މިނެޓް ފަހުން ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަލުން މެޗުގެ ލީޑު ހޯދާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފޯވާޑް ބެންޖަމިން ޝެޝްކޯ އެވެ. އަދި މިލަނޑާއެކު ޔުނައިޓެޑް ކުރީގައި އޮވެގެން މެޗު ނިމެންދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓް ވެސް ހަމަވި ފަހުން އެވަޓަންއަށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ޑިފެންޑަރު އެއިންސްލީ މެއިޓްލޭންޑް - ނައިލްސް އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ތިން މެޗުން މެންޗެސްޓާ ޔުނައިޓެޑަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 11 ވަނައިގައެވެ. އަދި މިމެޗުން ހޯދި އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު ތިން މެޗުން އެވަޓަންއަށް ފަސް ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށްވަނައިގައެވެ.








