








ޗެލްސީ އާއި އާސެނަލް ވާދަކުރި މެޗުގެ ތެރެއިން..
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށް އާސެނަލް އިން އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ޗެލްސީ ފަސް ބަލިކޮށްފިއެވެ.
ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި ބްރައިޓަން އަތުން 4-3 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު އާސެނަލް އިން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން އެސްޓަން ވިލާ ބަލިކޮށްފައެވެ. އަދި ދެޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް އާސެނަލް މޮޅުވެފައިވާއިރު، ލީގު މެޗެއްގައި އާސެނަލްގެ ދަނޑުގައި ޗެލްސީ އެންމެ ފަހުން މޮޅުވެފައިވަނީ 2021 ވަނަ އަހަރު އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޗެލްސީ އިންނެވެ.
މިލަނޑު ފުރަތަމަ ހާފުގެ ފެށިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް މޯގަން ރޮޖާސް އެވެ. އަދި އާސެނަލް އިން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަނު ފޯވާޑް ކައި ހާވަޓްޒް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އާސެނަލް އިން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މާޓިން އޮޑެގާޑް އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ދެވަނައިގައި އާސެނަލް އޮތްއިރު، މިމެޗުން ބަލިވި ޗެލްސީ އިން ލީގުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.








