
ޔުނައިޓެޑް ކޮންކުއިސްޓާ އާއި މަސްނަނު އެސްސީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
ތ.ގުރައިދޫގައި މިހާރު ކުރިއަށްދާ އެމްޕީ ކަޕް 2026 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ކޮންކުއިސްޓާ އާއި މަސްނަނު އެސްސީ ވާދަކުރި މެޗު ފޯރިގަދަ ކުޅުމަކަށްފަހު 5-5 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެ އެވެ.
މުބާރާތުގައި ޔުނައިޓެޑް ކޮންކުއިސްޓާ އެންމެ ފަހުން ކުޅުނު މެޗުގައި ޔުނައިޓެޑް އާރުޑީއެލް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، މަސްނަނު ސްޕޯޓްސް ކުލަބު އެންމެ ފަހުން ކުޅުނު މެޗުގައި ޔުނައިޓެޑް އާރުޑީއެލް އަތުން 5-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ އަވަސް ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުންކުރެ ކޮންމެ ޓީމަކުން ވެސް ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި މަސްނަނު ސްޕޯޓްސް ކުލަބުގެ ހުސެއިން މުނާޒް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ އާދަމް އަފީފް އަދި މުހައްމަދު ޝަކީލް މިއން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މިގެ އިތުރުން މިމެޗުގައި ޔުނައިޓެޑް ކޮންކުއިސްޓާގެ އަހުމަދު އުމައިރު ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއރު، އެޓީމުގެ އަހުމަދު އަފްހާމް އަލީ އަދި އަހުމަދު ސުދައިސް އަލީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަސްނަނު ސްޕޯޓްސް ކުލަބުގެ ހުސެއިން މުނާޒް އެވެ.
04 ސެޕްޓެމްބަރު 2026 އިން 13 ސެޕްޓެމްބަރު 2026 މިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ.
މަޅި އިވެންޓްގެ ފަރާތުން އިތިޒާމުކޮށް ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.





.jpg?w=3840&q=75)

.jpeg?w=3840&q=75)


.jpg?w=3840&q=75)

.jpeg?w=3840&q=75)



.jpeg?w=3840&q=75)