
އާރުޑީއެލް ސްޕޯޓްސް ކުލަބާއި ވިންސިއާ ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
ތ.ގުރައިދޫގައި މިހާރު ކުރިއަށްދާ އެމްޕީ ކަޕް 2026 ގައި މިރޭ ކުޅުނު ދެވަނަ މެޗުގައި އާރުޑީއެލް ސްޕޯޓްސް ކުލަބާއި ވިންސިއާ ސްޕޯޓްސް ކުލަބު ވާދަކުރި ފޯރިގަދަ މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.
މުބާރާތުގައި ވިންސިއާ ސްޕޯޓްސް ކުލަބު ކުޅުނު ފުރަތަމަ މެޗުގައި 10-4 ގެ ތަފާތުބޮޑު ނަތީޖާއަކުން މަސްނަނު ސްޕޯޓްސް ކުލަބު ބަލިކޮށްފައިވާއިރު، މުބާރާތުގައި އާރުޑީއެލް ސްޕޯޓްސް ކުލަބު ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑް ކޮންކުއިސްޓާ އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވިންސިއާ ސްޕޯޓްސް ކުލަބުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ރާޖިހް އެވެ.
އާރުޑީއެލް ސްޕޯޓްސް ކުލަބުން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަބްދުﷲ މުހައިމިން އެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އަލީ ހާފިޒް (ހާއްޕެ) ވަނީ ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.
މިލަނޑާއެކު 2-1 ގެ ނަތީޖާއަކުން މެޗު ނިމެންދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އާރުޑީއެލް ސްޕޯޓްސް ކުލަބުގެ ހުސެއިން ޝަރީފް (އޮންލީ) ތަނަވަސްކޮށްދިން ފުރުސަތެއްގައި މުހައްމަދު ޝުއައިބް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މިމެޗުން ޕޮއިންޓެއް ކަށަވަރުކޮށްދީފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިންސިއާ ސްޕޯޓްސް ކުލަބުގެ އަލީ ހާފިޒް (ހާއްޕެ) އެވެ.
04 ސެޕްޓެމްބަރު 2026 އިން 13 ސެޕްޓެމްބަރު 2026 މިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ.
މަޅި އިވެންޓްގެ ފަރާތުން އިތިޒާމުކޮށް ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.
















