








މަސްނަނު ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް އާރުޑީއެލް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
ތ.ގުރައިދޫގައި މިހާރު ކުރިއަށްދާ އެމްޕީ ކަޕް 2026 ގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން މަސްނަނު ސްޕޯޓްސް ކުލަބު ބަލިކޮށް ޔުނައިޓެޑް އާރުޑީއެލް އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
މުބާރާތުގައި ޔުނައިޓެޑް އާރުޑީއެލް ކުޅުނު ފުރަތަމަ މެޗުގައި ޔުނަައިޓެޑް ކޮންކުއިސްޓާ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، މުބާރާތުގައި މަސްނަނު ސްޕޯޓްސް ކުލަބު ކުޅުނު ފުރަތަމަ މެޗުގައި ވިންސިއާ ސްޕޯޓްސް ކުލަބާއި ވާދަކޮށް އެޓީމު ބަލިވީ 10-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑް އާރުޑީއެލް އިން ވަނީ ކުޅުން ރަނގަޅުކޮށް އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ފަސް ލަނޑު ކާމިޔާބުކުރިއިރު، މަސްނަނު ސްޕޯޓްސް ކުލަބު ވެސް މިހާފުގައި އެއްލަނޑު ކާމިޔާބުކުރިއެވެ.
އެގޮތުން މިމެޗުގައި ޔުނައިޓެޑް އާރުޑީއެލްގެ ހަމްމާދު ނަސީމް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ މުހައްމަދު ސާދު ނިޒާރު އަދި އިސްމާއިލް ވަޖީހް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި މަސްނަނު ސްޕޯޓްސް ކުލަބު ހަމައެކަނި ލަނޑު ސަރުމީޒު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނައިޓެޑް އާރުޑީއެލްގެ ހަމްމާދު ނަސީމް އެވެ.
04 ސެޕްޓެމްބަރު 2026 އިން 13 ސެޕްޓެމްބަރު 2026 މިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ.
މަޅި އިވެންޓްގެ ފަރާތުން އިތިޒާމުކޮށް ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.








