








މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ކޮވެންޓްރީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ކޮވެންޓްރީ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ސިޓީ އިން ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލަސް އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ކޮވެންޓްރީ އެންމެ ފަހުން ކުޅުނު މެޗުގައި ހަލް ސިޓީ އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ސިޓީ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އާލިން ހަލާންޑް އެވެ. އަދި މިއީ ހާލަންޑްގެ ކުލަބު ކެރިއަރުގައި އޭނާ ކާމިޔާބުކުރި 300 ވަނަ ލަނޑެވެ.
މީގެ ކުރިން ހާލަންޑް ވަނީ އޭނާގެ ކުލަބު ކެރިއަރުގައި މޯލްޑާއަށް ކުޅެދިން 50 މެޗުގައި އެޓީމަށް 20 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން ރެޑްބުލް ސަލްޒްބާގަށް 27 މެޗުގައި 29 ލަނޑު، އަދި ބޮރޫޝިއާ ޑޮޓްމަންޑަށް ކުޅުނު 89 މެޗުގައި އެޓީމަށް 86 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މިމެޗުގައި ކާމިޔާބުކުރި ލަނޑާއެކު މެންޗެސްޓާ ސިޓިއަށް ކުޅުނު 202 މެޗުގައި ހާލަންޑް ވަނީ މިހާތަނަށް އެޓީމަށް 165 ލަނޑު ކާމިޔާބުކޮށްދީފައެވެ.
މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ސިޓީގެ ރަޔާން ޗާކީ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، ކޮވެންޓްރީގެ ހަމަލާތައް ހުއްޓުވުމުގައި ސިޓީގެ ކީޕަރު ޖިއަންލުއީޖީ ޑޮނަރުންމާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި މެންޗެސްޓާ ސިޓީ މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ކޮވެންޓްރީ ސިޓީ އިން ލީގުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.




