








ގިނަ ބަޔަކު އިންތިޒާރުކުރަމުންދިޔަ ކާމިޔާބު ސީރީޒް 'އަސުރް' ގެ 3 ވަނަ ސީޒަންގެ ޝޫޓިންގް މިހާރު ވަނީ ފަށާފައި
ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކާމިޔާބު ކްރައިމް ތްރިލަރ ވެބް ސީރީޒް 'އަސުރް' ގެ 3 ވަނަ ސީޒަންގެ ޝޫޓިންގް ރަސްމީކޮށް ފަށައިފިއެވެ.
މި ސީރީޒްގެ ކުރީގެ ސީޒަންތަކުގައި ބެލުންތެރިންގެ ލޯބި ހޯދާފައިވާ އެންމެ މުހިންމު ދެ ތަރިން ކަމަށްވާ އާޝަދް ވަރްސީ އަދި ބަރުން ސޮބްތީ ވަނީ އަނެއްކާވެސް އެ މީހުންގެ ލީޑް ރޯލުތަކަށް އެނބުރި އައިސްފައެވެ.
މިއީ މި ސީރީޒްގެ އައު ސީޒަނަކަށް އިންތިޒާރުކުރަމުންދިޔަ ގިނަ ބަޔަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެކެވެ.
މިފަހަރުގެ ސީޒަނުން ފެނިގެންދާ އެންމެ ބޮޑު އެއް ބަދަލަކީ، ސީރީޒްގެ ޑައިރެކްޝަނާ ހަވާލުވެހުރި ފަރާތް ބަދަލުވުމެވެ. އެގޮތުން ކުރީގެ ސީޒަންތަކާ ޚިލާފަށް، 'އަސުރް' ގެ 3 ވަނަ ސީޒަން ޑައިރެކްޓްކުރުމާ ހަވާލުވެފައިވަނީ ގޯރަވް ޝުކްލާއެވެ.
ސީރީޒްގެ ޝޫޓިންގް ފެށުމާއެކު، ކުރިއަށްވުރެ ވަރުގަދަ އަދި ސިހުންގެނުވާ ފަދަ އައު ހާދިސާތަކެއް މި ސީޒަނުން ފެނިގެންދާނެކަމަށް ބެލުންތެރިން އަންނަނީ އުންމީދުކުރަމުންނެވެ.




