







އިސާކް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގައި އިޕްސްވިޗް އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލިވަޕޫލުން މިސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
މިސީޒަނުގެ ޕްރެމިއާ ލީގުގައި ލިވަޕޫލް ކުޅުނު ފުރަތަމަ ދެމެޗު ވެސް އެއްވަރުވެފައިވާއިރު، ލީގުގައި އިޕްސްވިޗް އެންމެ ފަހުން ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑާއ ވާދަކޮށް 5-2 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
އިޕްސްވިޗްގެ ޕޯޓްމަން ރޯޑްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ލިވަޕޫލުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު މެޗުގެ ހަވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އެލެގްޒެންޑާ އިސާކް އެވެ. އަދި އޭގެ ތިން މިނެޓު ފަހުން އިސާކް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމު ލީޑު ފުޅާކޮށްދީފައެވެ. އަދި މިދެލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ އެޓީމުގެ ނެދަލެންޑް ފޯވާޑް ކޯޑީ ގައްޕޯ އެވެ.
ލިވަޕޫލްގެ ދެލަނޑަށްފަހު އިޕްސްވިޗުން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި މޮޅަށް ކުޅެ އިޕްސްވިޗުން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ލިވަޕޫލްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ތިން މެޗުން ހޯދި ފަސް ޕޮއިންޓާއެކު ިލިވަޕޫލް ތާވަލުގެ ފަސްވަނައިގައި އޮތްއިރު، މިމެޗުން ބަލިވި އިޕްސްވިޗް އިން ލީގުގައި ކުޅުނު ތިން މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ.



