








މޔންދު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ޕްރެސް ކޮންފަރެންސްތަކަށް ނުވަދެވޭ ނޫހެއްގެ ނޫސްވެރިޔަކު އެ އޮފީހުގެ އިސްތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު)ގެ މިއަދުގެ "ޕްރެސާ ވިތު ދަ ސްޕޮކްސް"އަށް ދިއުމުން އެ ބައްދަލުވުން ތަފާތު ގޮތަކަށް ބާއްވައިފިއެވެ.
ވަގުތުން ދުރަށްދައްކާ ގޮތަށް އޮތް ޕްރެސް ކޮންފަރެންސް މިއަދު ވަނީ ކެންސަލްކޮށްފައެވެ. ނަމަވެސް، އެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންނާއެކު ތަރުޖަމާނު ވަނީ ހަވީރުގެ ސަޔެއް ބާއްވާ ނޫސްވެރިން ކުރަން ބޭނުންވި ހުރިހާ ސުވާލަކަށް ޖަވާބުދެއްވާފައެވެ. މިބައްދަލުވުން ބޭއްވީ ޕީއެސްއެމްގެ ކެފިޓީރިއާގައެވެ.
ވަގުތުން ދުރަށްދައްކާ ގޮތަށް އޮތް ބައްދަލުވުން ކެންސަލްކުރުމަށްފަހު، އިސް ތަރުޖަމާނު ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ސްޓޫޑިއޯގައި ތަރުޖަމާނާ އެކު ބާއްވާ ސިލްސިލާ ފްރެސް ކޮންފަރެންސްތަކަކީ ވެސް ރައީސް އޮފީހުން ގެޒެޓުކޮށްފައިވާ އުސޫލުގެ ދަށުން އުފައްދާފައިވާ ހާއްސަ ގްރޫޕްގައި ހިމެނޭ މީޑިއާތަކަށް ދައުވަތު ދީގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކެއް ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ތާވަލުކުރެވިފައި އޮތީ ހަވީރު 4:00 ގައި ޕީއެސްއެމްގެ ސްޓޫޑިއޯގައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުންދު ވިދާޅުވި ގޮތުގައި، މީގެ ދެތިން މަސްދުވަސް ކުރިން "އަދަދު" ނޫހުން ރައީސް އޮފީހުގެ ތެރޭގައި ޣައިރު ޤާނޫނީ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތީއާއި، އެ ނޫހާ ދެކޮޅަށް ޖިނާއީ މައްސަލަތަކެއް ބަލަމުންދާތީ، އެ އޮފީހުގެ ޕްރެސްތަކަށް ވަނުން ވަނީ މަނާކޮށްފައެވެ. އަދި ރައީސް އޮފީހުގެ ރަސްމީ މީޑިއާ ގްރޫޕުން ވެސް އެ ނޫސް ވަނީ އުނިކޮށްފައެވެ.
މުންދު އިތުރަށް ވިދާޅުވީ، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ވެސް އިންތިޒާމުކުރެވުނީ ރައީސް އޮފީހުގެ މީޑިއާ ގްރޫޕުގައި ހިމެނޭ ފަރާތްތަކަށް އެކަނި ދައުވަތު އަރުވައިގެން ކަމަށެވެ. އަދި ބައްދަލުވުމުގައި ބައިވެރިވުމަށް ނަން ނޯޓުކުރަން ޚާއްޞަކޮށްފައިވާ ނަންބަރަށް، "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރުގެ ނަން ފޮނުވާފައި އޮތް ނަމަވެސް، ރައީސް އޮފީހުން އެ މެސެޖަށް އެއްވެސް ޖަވާބެއް ދީފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ޕީއެސްއެމްގައި މި ނިއުސް ކޮންފަރެންސް ފެށުމުގެ ވަގުތު ކައިރިވެފައި ވަނިކޮށް، ލީވާން އެތަނަށް ވަދެ އިށީނދެ، އެތަނުން ނުކުންނަން ދެކޮޅު ހެދުމުގެ ސަބަބުން ޕްރެސް ކޮންފަރެންސް ވަނީ ލަސްވެފައި،" މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވި ގޮތުގައި، ލީވާން އެ ބައްދަލުވުން ބޭއްވުމަށް ހުރަސްއަޅަމުންދާތީއާއި، ލައިވް ބްރޯޑްކާސްޓް ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ފާއިތުވަމުން ދިޔުމާ ގުޅިގެން، މިއަދުގެ ބައްދަލުވުން ކެންސަލްކުރަން ވަނީ ނިންމާފައެވެ. އަދި މި ބައްދަލުވުން ފަހުގެ ތާރީޚެއްގައި ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.




