







މޮނާކޯ އާއި ޕީއެސްޖީ ވާދަކުރި މެޗުގެ ތެރެއިން..
ފްރާންސް ލީގު1 ގައި ރޭ ރަށުން ބޭރުގައި ޕީއެސްޖީ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮނާކޯ އިން ކާމިޔާބުކޮށްފިއެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އިން ލީގުގައި ކުޅުނު ފުރަތަމަ ދެމެޗު ވެސް އެއްވަރުވެފައިވާއިރު، ލީގުގައި މޮނާކޯ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން މާސޭ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕީއެސްޖީ އިންނެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޕީއެސްޖީ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ 31 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މާކިނިހޯސް އެވެ.
މިގެ އިތުރުން ވެސް މިހާފުގައި ޕީއެސްޖީ އިން ވަނީ މޮނާކޯގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި މޮނާކޯ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރ ނަޒީނިއޯއެވެ.
މޮނާކޯ އިން މެޗުގެ ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ސްޓޭނިސް އިޑަމްބޯ އެވެ. އަދި މޮނާކޯގެ ދެލަނޑަށްފަހު ޕީއެސްޖީ އިން ކުރިއަށްޖެހި ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތްކުރި ނަމަވެސް ރޭވުންތެރިކަމާއެކު މޮޅު ޑިފެންސިވް ކުޅުމެއް ކުޅެމުންދިޔަ މޮނާކޯގެ ޑިފެންސް ފޫއަޅުވާލުމުގައި ޕީއެސްޖީއަށް ވަނީ ކާމިޔާބު ހޯދޭގޮތް ނުވެފައެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއަކު ތާވަލުގެ އެއްވަަނައިގައި މޮނާކޯ އޮތްއިރު، މިމެޗުން ބަލިވި ޕީއެސްޖީ އިން ލީގުގަައި ކުޅުނު ތިން މެޗުން ހޯދި ދެ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 12 ވަނައިގައެވެ.



