








-
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދަތުގެ ފަރުވާ ދެމުން އަންނަ ޑެންޓް ކެއަރ މޯލްޑިވްސްގެ "މާސްޓަރ ޑެންޓަލް ކެއަރ" އިން، އެ ކްލިނިކްގެ ފުރަތަމަ އިންޓަރންޝިޕް ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންގެ ދަސްވެނިވުން ކުލަގަދަކޮށް ބާއްވައިފިއެވެ.
ރޭ ޝީ ބިލްޑިންގގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީން އަލްފާޟިލާ ޢާއިޝަތު މަލާއެވެ.
މާސްޓަރ ޑެންޓަލް ކެއަރއިން މަޢުލޫމާތު ދޭގޮތުގައި، 2011 ވަނަ އަހަރު އެންމެ 6 މުވައްޒަފުންނާއެކު ފެށި މި ކްލިނިކްގެ ދަށުން މިއަދު 4 ކްލިނިކް ހިންގަމުން އަންނައިރު، މި އިންޓަރންޝިޕް ޕްރޮގްރާމަކީ ދަތުގެ ފަރުވާގެ ދާއިރާއަށް ބޭނުންވާ ފަންނީ އަދި ޤާބިލު ދިވެހި ޒުވާނުން ބިނާކުރުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. ރާއްޖޭގެ ޞިއްޙީ ދާއިރާ ފުޅާވަމުން އަންނައިރު، ތަމްރީނު ލިބިފައިވާ ޑެންޓަލް އެސިސްޓެންޓުންނާއި، ލެބް އެސިސްޓެންޓުން އަދި ކަސްޓަމަރ ސަރވިސް މުވައްޒަފުން ހޯދުމަށް ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމަކީ މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދެވެ.
އެ ކްލިނިކުން މަޢުލޫމާތު ދެއްވި ގޮތުގައި، ޑރ. އަޙްމަދު ސަލީމްގެ ދުރުވިސްނޭ ތަޞައްވުރާ އެއްގޮތަށް، ޚާއްޞަ ޓްރެއިނިންގ ޑިޕާޓްމަންޓެއް ޤާއިމުކޮށް މި ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ހިންގި 7 ބެޗުގައި ޖުމްލަ 59 ދަރިވަރުން ބައިވެރިވެފައިވާއިރު، މި ފަހަރުގެ ދަސްވެނިވުމުގައި 10 ބައިވެރިއަކު ވަނީ ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓް ޙާޞިލުކޮށްފައެވެ.
މި ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ބައިވެރިންނަށް ކޮންމެ މަހަކުވެސް އެލަވަންސެއް ލިބޭ ގޮތަށެވެ. އެގޮތުން 40 ނުވަތަ 60 ގަޑިއިރުގެ ތިއަރީ ކްލާސްތަކާއި، މާސްޓަރ ޑެންޓަލް ކެއަރގެ ހަތަރު ކްލިނިކުގައި 8 ހަފްތާގެ ޢަމަލީ މަސައްކަތް ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ. މީގެއިތުރުން، ގދ. ގައްދޫގައި ހުންނަ މާސްޓަރ މެޑިކަލް އެންޑް ޑެންޓަލް ކެއަރ ސެންޓަރުގެ ދަރިވަރުންނަށްވެސް އޮންލައިންކޮށް ތިއަރީ ކްލާސްތައް ކުރިއަށްގެންގޮސް، ޢަމަލީ ތަޖުރިބާ ފޯރުކޮށްދީފައިވާކަމަށް އެ ކްލިނިކުން މަޢުލޫމާތު ދެއެވެ.
މާސްޓަރ ޑެންޓަލް ކެއަރއިން ފާހަގަކުރާ ގޮތުގައި، މި ޕްރޮގްރާމްގެ އެންމެ ބޮޑު ކާމިޔާބީއަކީ ތަމްރީނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނަ ދަރިވަރުން މިހާރުވެސް އެ ކްލިނިކްގެ ދާއިމީ ވަޒީފާތަކުގައި މަސައްކަތް ކުރަމުންދިއުމެވެ. އަދި އޭގެ ތެރެއިން ބައެއް ދަރިވަރުން ޑެންޓިސްޓްރީގެ މަތީ ތަޢުލީމު ޙާޞިލުކުރަން ފަށާފައިވާއިރު، މުސްތަޤްބަލުގައި އެ ދަރިވަރުން އެނބުރި އަންނާނީ ފަންނީ ޑެންޓިސްޓުންގެ ގޮތުގައި ޤައުމަށް ޚިދުމަތްކުރަން ކަމަށްވެސް އެ ފަރާތުން ބުންޏެވެ.
މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީން ޢާއިޝަތު މަލާގެ ވާހަކަފުޅުގައި، މާސްޓަރ ޑެންޓަލް ކެއަރއިން ފޯރުކޮށްދެމުންދާ މަތީ ފެންވަރުގެ ޒަމާނީ ޚިދުމަތްތަކާއި، މުޖުތަމަޢަށް ފައިދާހުރި ގޮތުގައި ކުރިއަށްގެންދާ މިފަދަ ބިނާކުރުވަނިވި މަސައްކަތްތަކަށް ވަރަށް ބޮޑަށް ތަޢުރީފުކުރެއްވިއެވެ. މަލާ ވިދާޅުވީ، މާސްޓަރ ޑެންޓަލް ކެއަރއިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި އިންޓަރންޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއިން ޒުވާނުން ބިނާކުރުމަށް އެޅުނު ވަރަށް އަގުހުރި، ނަމޫނާ ފިޔަވަޅެއް ކަމަށެވެ. އަދި މިފަދަ ޢަމަލީ ތަމްރީނުތަކުގެ ސަބަބުން ކްލިނިކަލް މާހައުލަށް އަހުލުވެރި، ހުނަރުވެރި ދިވެހި ޒުވާނުން ޞިއްޙީ ޚިދުމަތަށް ނުކުތުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ޙަފްލާގެ ތެރެއިން މާސްޓަރ ޑެންޓަލް ކެއަރއިން ވަނީ ކުރިމަގަށް ރާވާފައިވާ ވަރަށް މުހިންމު ބޮޑު ނިންމުމެއް އިޢުލާނުކޮށްފައެވެ. އެ ކްލިނިކްގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް، ޝަރްމާ ނަޞީރު ވިދާޅުވީ، ކްލިނިކުގެ އެންމެ މުހިންމު އަދި އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ތަނުގައި މި އިންޓަރންޝިޕް ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ އަދި ރާއްޖޭގައި ރަސްމީކޮށް ލައިސެންސް ލިބޭނެ ފަދަ ޕްރޮފެޝަނަލް ޕްރޮގްރާމަކަށް ބަދަލުކުރުމެވެ.
މީގެއިތުރުން، މި ތަމްރީނަކީ މުޅި ސަރަޙައްދީ ފެންވަރުގައިވެސް ބަލައިގަންނަ ސަޓިފައިޑް ޕްރޮގްރާމަކަށް ހެދުމަށްޓަކައި މިހާރުވެސް ޢަމަލީ މަސައްކަތްތައް ފަށާފައިވާ ކަމަށާއި، މި ބޮޑު މަޝްރޫޢުގެ އިތުރު ތަފްޞީލުތައް މަސައްކަތް ކުރިއަށްދާ ވަރަކުން ހިއްސާކުރަމުން ގެންދާނެ ކަމަށް ޝަރްމާ ނަޞީރު ހާމަކުރެއްވިއެވެ.






.jpg?w=3840&q=75)
