
ބޮލީވުޑް އެކްޓަރ ކާރްތިކް އާރްޔަން
ބޮލީވުޑްގެ ކާމިޔާބު އެކްޓަރ ކާރްތިކް އާރްޔަން، އޭނާގެ ކުރިއަށް އޮތް ބޮޑު ފިލްމު 'ކެޕްޓަން އިންޑިއާ' ގެ ޝޫޓިންގ ލަންޑަންގައި ރަސްމީކޮށް ފަށައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުން، ކާރްތިކް މި ފިލްމުގެ ޝޫޓިންގއާ ގުޅިފައިމިވަނީ އޭނާއަށް ދާދިފަހުން ލިބުނު އަނިޔާއަކަށް ފަރުވާ ހޯދައި، އެކަމުން އެއްކޮށް ރަނގަޅުވުމަށް ފަހުގައެވެ.
މަސައްކަތާ ދުރަށްދާން ޖެހުމަށްފަހު، އަލުން އެނބުރި ޝޫޓިންގ ސެޓަށް ނުކުތުމަކީ އޭނާގެ ސަޕޯޓަރުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެކެވެ.
'ކެޕްޓަން އިންޑިއާ' އަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަޝްހޫރު ޑައިރެކްޓަރ ޝިމިތް އަމީން ޑައިރެކްޓްކުރާ ފިލްމެކެވެ.
މިއީ ޙަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް، އިންޑިއާގެ ތާރީޚުގައި ހިންގާފައިވާ އެންމެ ކާމިޔާބު އެއް ރެސްކިއު މިޝަން ދައްކުވައިދޭނެ ފިލްމެކެވެ.
މި ފިލްމުގައި ކާރްތިކް ފެނިގެންދާނީ ޕައިލެޓެއްގެ ރޯލުންނެވެ. މިއީ އޭނާގެ ކެރިއަރުގައި މިހާތަނަށް ކުޅޭ އެންމެ ތަފާތު އެއް ރޯލުކަމަށް ވާތީ، ގިނަ ބަޔަކު އަންނަނީ މި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ.












