








ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންނަށް ހާއްސަ ހަވީރެއް ބާއްވައިފިއެވެ.
މި ހަވީރު ބާއްވާފައިވަނީ މިއަދު ހަވީރު 4:00 އިން 6:00 އަށް ސޯޝަލް ސެންޓަރު ސަރަހައްދުގައެވެ. މި ހަވީރުގައި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
ފުލުހުންނާ އެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދިޔަ މި ހަވީރުގައި، ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަ ކުޅިވަރުތަކުގެ އިތުރުން ހޭލުންތެރިކުރުވުމުގެ ހާއްސަ މެސެޖުތައް ފޯރުކޮށްދީފައިވެއެވެ. މި ހަވީރުގައި މާލެ އޭރިއާގެ އެކި ޑިޕާޓްމަންޓުތަކުން ސްޓޯލްތައް ގާއިމުކޮށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މާލޭގައި މިއަދު ބޭއްވި ހަވީރުގެ އިތުރުން، ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ކުޑަކުދިންނަށް ހާއްސަ ހަވީރުތައް އިއްޔެއާއި މިއަދު ކުރިއަށް ގެންގޮސްފައިވެއެވެ. ގިނަ އަދަދެއްގެ ފުލުހުންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިޔަ މި ހަވީރުތަކަށް ކުޑަކުދިންނާއި އާއިލާތަކުގެ ވަރަށްބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
އޭގެ އިތުރުން، ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ ކުދިންނަށް ހާއްސަކޮށްގެން ހުޅުމާލެ ފުލުހުން ވެސް އިއްޔެ ހާއްސަ ހަވީރެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަވީރުގައި ކުދިންނަށް ހާއްސަ ހަދިޔާ ދިނުމާއި ފުލުހުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް ހަވީރުގެ ހާއްސަ ސައެއް ކުރިއަށް ގެންގޮސްފައިވެއެވެ.








