







ޢުމްރާނީ ތަރައްޤީއާއެކު ފުލުހުންގެ ހިދުމަތް ރައްޔިތުން އެދޭ ފަދަ ޚިދުމަތަކަށް ބައްޓަންވާނެ ކަމަަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި އެކުވެރިކަމުގެ ހިނގާލުމަށްފަހު، ވާހަކަ ދައްކަވަމުންނެވެ.
ހޯމްލޭންޑް މިނިސްޓަރ ވިދާޅުވީ އެކަށީގެންވާ ވަރަށް ވަސީލަތްތައް ޤާއިމްކުރެވިފައި ނެތުމުގެ ސަބަބުން ރައްޔިތުން ޚިދުމަތް ދޭން ބޭނުންވާ ކޮލިޓީގައި ފުލުހުންނަށް އެޚިދުމަތް ނުދެވޭ ކަމަށެވެ. އެހެންނަމަވެސް މިހާރު ޢުމްރާނީ ތަރައްޤީއާއެކު ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް ދެވުމުން، ފުލުހުންގެ ޤާބިލްކަން އިތުރުކުރެވި ރައްޔިތުން އެދޭ ފަދަ ޚިދުމަތަކަށް އެ ޚިދުމަތް ބައްޓަން ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްވެގެން ދިޔައީ މިދައުރުގެ ތެރޭގައިކަން ފާހަގަކުރައްވާ، މި ސަރުކާރު ހަވާލުވިއިރު އަތޮޅުތަކުގެ އަމިއްލަ މަރުކަޒުގައި ޚިދުމަތް ދެމުން ދިޔައީ އެންމެ 17 މަރުކަޒުގައި ކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ޚިދުމަތް 22 އަހަަރު މަދަނީ ޚިދުމަތެއްގެ ގޮތުގައި އެސްޓެބްލިޝްވެގެން އައި ކަމުގައިވިއަސް މީހުން އިތުރުވެ، ތަމްރީނު އިތުރުވެގެން އައި ވަރަކަށް އިންފްރާސްޓްރަކްޗަރ އިތުރުވެފައި ނެތުމުން އެންމެ އެދެވޭ ގޮތެއްގައި ދިވެހި ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރިކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް މިހާރު ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ފުލުހުންނަށް ބޭނުންވާ ޚާއްސަ ދާއިރާތަކުން ތަމްރީނުތައް ހޯދުމުގެ ކަންކަން ވެސް ކުރިއަށްދާކަމަށް މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވީ 1 ސެޕްޓެމްބަރ 2024 ގައެވެ. އޭގެ ފަހުން މިދައުރު ތެރޭގައި ފުލުހުންގެ ޚިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޅާކޮށްފައެވެ. ސަރުކާރުން ވަނީ ފުލުހުންގެ ޚިދުމަތައް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ފޯރުކޮށްދީ ރައްޔިތުންނާއި ގާތުން ޚިދުމަތްދެވޭނެ އަދި އަމާން މުޖްތަމަޢުއެއް ޤާއިމްކުރުމަށް އެމުޢައްސާސާއިން ކުރާ މަސައްކަތަށް މަގުފަހިކޮށްދިނުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.




